ފޭސްބުކްގެ އާންމު ޕޮލިސީއާބެހޭ އިންޑިއާ އެގްޒެކެޓިވް އަންޚީ ދާސް އިސްތިއުފާ ދީފިއެވެ.

އޭނާ މަގާމުން އިސްތިއުފާ މިދިނީ، މުފސްލިމުންނާ ދެކޮޅު ޝުއޫރުތަކާއި، މުސްލިމުންނާމެދު ނަފުރަތު އުފައްދައި އިންޑިއާގައި ފޭސްބުކްގައި ލިޔާ ލިއުންތައް ސްކްރީންކޮށް ބެލެހެއްޓުމުގައި އޭނާ ފެއިލްވެފައިވާ ކަމަށް ބުނެ، ފެންމަތިވި މައްސަލަތަކަށް ފަހުގައެވެ.

އަންޚީ ދާސް އިސްތިއުފާދިންކަން ފޭސްބުކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފޭސްބުކަށް އިންޑިއާގައި "ސިޔާސީ ތޫފާނަކާ" ލައިގަތީ، ވޯލް ސްޓްރީޓް ޖާރނަލްއިން އޮގަސްޓްމަހު ޝާއިއުކުރި ރިޕޯޓަކަށް ފަހުގައެވެ.

ވޯލް ސްޓްރީޓް ޖާރނަލްގެ ރިޕޯޓުގައި ބުނެފައިވަނީ، އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް ނިސްބަތްވާ، ހިންދޫ ވަތަނީ މެމްބަރަކު، މުސްލިމުންނާމެދު ނަފުރަތު އުފެދޭގޮތަށް ފޭސްބުކްގައި ލިޔުނު ލިއުން ނަގަން އަންޚީ ދާސް ދެކޮޅުހަދާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، އެ ލިއުން ނަގައިފިނަމަ އިންޑިއާގައި ފޭސްބުކްގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކޮށްފާނެތީއެވެ.

ފޭސްބުކާއި، ފޭސްބުކްގެ މެސެޖް ޚިދުމަތް ކަމުގައިވާ ވަޓްސްއަޕް ބޭނުންކުރާ މީހުންގެ އަދަދަށް ބަލާއިރު، އިންޑިއާއަކީ ފޭސްބުކްގެ އެންމެބޮޑު މާކެޓެވެ.

ފޭސްބުކްގެ އިންޑިއާ މެނޭޖިންގ ޑިރެކްޓަރ އަޖިތު މޯހަން ބުނީ، އަންޚީ ދާސްއަކީ، ފޭސްބުކް އިންޑިއާއަށް އެންމެ ފުރަތަމަ ތައާރަފްރި ދުވަސްވަރުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.

ފޭސްބުކް ކުންފުންޏާއި، އެ ކުންފުނީގެ ޚިދުމަތްތައް އިންޑިއާގައި ފުޅާކުރުމުގައި ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އަންޚީ ދާސް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށްވެސް އަޖިތު މޯހަން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ވިޔަފާރިއަށް ގެއްލުން ވެދާނެތީ، ނަފުރަތު އުފެދޭ ވާހަކަތައް ފޭސްބުކުގައި ފެތުރުން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް ކުރާ ތުހުމަތުތަކާ އަޖިތު މޯހަންވަނީ ކުރިން ދެކޮޅު ހަދާފައެވެ. އޭނާ ބުނެފައިވަނީ، ފޭސްބުކް ޕްލެޓްފޯމް މެދުވެރިކޮށް އެފަދަ ނަފުރަތު އުފެދޭ އަދި މީހުންނަށް ގެއްލުންލިބޭ ވާހަކަތައް ފެތުރުން ހުއްޓުވަން "ކުރެވުނު ހުރިހާކަމެއް" ކޮށްފައިވާނޭ ކަމަށެވެ.

އަޖިތު މޯހަން ބުނެފައިވަނީ، އިންޑިއާގައި، ފޭސްބުކްގައި ލިޔާ ނަފުރަތު އުފެދޭ ސްޓޭޓަސްތަކާއި، ކޮމެންޓްތަކުގެ ކަންކަން ބެލަނީ އަންޚީ ދާސް ހިމެނޭ، އާންމު ޕޮލިސީ ޓީމުން ނޫން ކަމަށެވެ. އެކަން ކުރަނީ ކޮންޓެންޓް ޕޮލިސީ ޓީމުން ކަމަށެވެ.

އެހެން ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުން ހައްގުތަކަށް މަސައްކަތްކުރާ 40 އަށްވުރެ ގިނަ ޖަމާއަތް ގުޅިގެންވަނީ، ފޭސްބުކްގެ ބާނީ މާކް ޒަކަރބާގްއަށް މިދިޔަ ސެޕްޓެމްބަރުމަހު ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ގޮވާލާފައިވަނީ، އަންޚީ ދާސް މަގާމުން އެކަހެރި ކުރުމަށެވެ.