ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި އެމަނިކުފާނު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުއެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގުތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.