ކީރިތި ރަސޫލާގެ ސީރަތުން އިސްލާމީ ރިވެތި ސިފަތައް ދަސްކޮށް ފިލާވަލު ލިބިގަންނަން ޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހިރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

ރައީސް ވިދާޅުވީ އިތުރު އެކަލޭގެފާނުގެ މަތިވެރި ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ޢަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުންކަން މުހިންމު ކަމަށް ވިދާޅުވެފައެވެ. ހަމައެފަދައިން، އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، މަޢާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުންފަދަ އެކަލޭގެފާނު ދެއްކެވި އަޚްލާޤީ ނަމޫނާތަކުން އިބުރަތް ޙާޞިލްކުރަންޖެހޭކަން ރައީސް ގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.

އަދި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ފަރާތުންވެސް ފެނިގެންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި މުނާސަބާއިން ހަނދާނަށް ގެނެސްދެނީ، އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައި، اللهُ سُبْحَانَهُ وَتَعَالَى މުޅި އިންސާނިއްޔަތަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތްކަމަށްވާ، އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތްކަން ފާހަގަކުރެއްވެވިއެވެ. އަދި މުޅިން އައު ޞަފްޙާއަކުން ދިވެހި ޤައުމީ ޝަޚްޞިއްޔަތުގެ ތާރީޚުވެސް ލިޔަން ފެށުނީ، ދިވެހިން އެއްކައުވަންތަކަމުގެ ޢަޤީދާ ޤަބޫލުކޮށް، ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމާ ހަމައިންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އަޅުގަނޑުމެން މަސައްކަތްކުރަންވީ، ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޒިކުރާއިން ލިބިދޭ ފިލާވަޅުތަކުން، ދުނިޔަވީ ޙަޔާތުގެ ކަންކަން އިސްލާޙުކޮށް، އެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބާވެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްކުރުމަށްކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މެސެޖުގައި އެމަނިކުފާނު ވަނީ، އިސްލާމީ ޤައުމުތަކުގެ ވެރިންނާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރައްވާފައެވެ.