އިސްރާއީލުން ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތޭރޭގައި އެއްމިލިޔަން އެއްލައްކަ ސައްބިސްހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ އަށްޑިހަ ލާރީގެ މުދާ ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމަސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން އިސްރާއީލުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ޕްލާސްޓިކް ހޮޅިއާއި އޭގެ ފިޓިންގްސްއެވެ. މިތަކެތީގެ ސީއައިފް (ކޮސްޓް، އިންސްއަރެން، ފްރެއިޓް) އަގަކީ އެއްމިލިޔަން ހަތްދިހަ އަށްހާސް ދުއިސައްތަ ސާޅިސް ދެރުފިޔާ ސާޅިސް ލާރި (1،078،242.40 ރުފިޔާ) ކަމުގައި މޯލްޑިވްސް ކަސްޓަމްސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގެއެވެ. މީގެ އިތުރުން އިސްރާއީލުން ރާއްޖެއަށް ދެން އެތެރެ ކޮށްފައި ވަނީ މަސް ބޭނުމަށް ބޭނުން ކުރާ 5 ރީލާއި ރަބަރު 2 ގާސްކެޓެވެ.

އިސްރާއިލާމެދު ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކުރެއްވުމަށް މަބްރޫކް ކުރެއްވި ޓްވީޓާއި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަ ކުރެއްވުމަށް ރައީސް ކުރެއްވި ޓްވީޓް

މިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ މުދާ އިސްރާއީލުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައި މިވަނީ، ދިވެހި ސަރުކާރު އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި އިސްރާއިލާއެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުކުރާނެ ކަމަށާއި އަދި އިސްރާއީލުގެ އުފެއްދުމެއްވެސް ރާއްޖެ އެތެރެ ނުކުރާނެ ކަމަށް ދިވެހި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަހަރުގެ މެއި 18 ވަނަ ދުވަހު ހާމަ ކުރައްވާފައި ވަނިކޮށެވެ.

އިސްރާއީލުން ފަލަސްތީން އަޅުވެތިކޮށްފައިވާއިރު ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ދޭތެރެއިން އުދުވާނީ ވަރުގަދަ ހަމަލާތައްދީ ޣައްޒާގެ އުމްރާނީ ތަރައްގީ ސުންނާފަތިކޮށް އެތައް ސަތޭކަ މުސްލިމުންނެއް ކޮންމެ އަހަރަކު އިސްރާއިލުން ގެންދަނީ ޝަހީދު ކުރަމުންނެވެ.