ސިވިލް ސާވަންޓުން މާދަމާއިން ފެށިގެން މަސައްކަތް ހުއްޓާލުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ނިންމީ މިއަދު ކުރި ހިމޭންކަމުގެ އިހުތިޖާޖުން ނަތީޖާއެއް ނުނުކުތުމުން ނެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާރވަންޓު އެސޯސިއޭޝަނުން ބުނީ އިހުތިޖާޖު ހުއްޓާލާނީ ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް އައިސް، އެކަމަށް ޖަވާބެއް ލިބުމުން ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ މާދަމާ އޮފީސްތަކަށް މުވައްޒަފުން ނުކުތަސް މަސައްކަތް ނުކުރާނެ ކަމަށާއި މިއަދުގެ އިހުތިޖާޖުގައި ރާއްޖޭގެ 98 އިންސައްތަ ރަށްރަށުގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ މިކަން ކޮޅެއްގައި ޖެއްސުމަށް ކަމަށެވެ.

"މިއަދު ކުރި ހިމޭން އިހުތިޖާޖަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވޭ. އެގޮތުން ރައީސް، ސިވިލް ސަރވިސް ކޮމިޝަނުން ވެސް އަދިމިހާތަނަށް އެންމެ ބަހެއް ވެސް ނުބެނޭ." އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ މުވައްޒަފުން ބޭނުންވަނީ މިކަމުގައި ރައީސް ނުވަތަ ނައިބު ރައީސްގެ ބަޔާނެއް ލިޔުމުން ހޯދުމަށް ކަމަށާއި ޕޭ ކޮމިޝަން އަދި ފިނޭންސް މިނިސްޓްރީގެ ވެސް ސިވިލް ސާވަންޓުންގެ މުސާރައަށް ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށެވެ.

"އަހަރުމެން ކުރަމުން މިދަނީ ކޮންމެހެން ކުރަންޖެހޭ ޑިމާންޑުތަކެއް. އެގޮތުން ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިންގ އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ލިވިންގ އެލަވެންސް ދިނުން. އަދި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން. މިއީ ކޮންމެހެން ކުރަންޖެހޭ ޑިމާންޑުތައް." އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމާއި ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުމަށް ވެސް އެ އިހުތިޖާޖުގައި އެމީހުން ވަނީ ގޮވާލާފަ އެވެ.