ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އެދެކަނބަލުންގެ އަރިހުގައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފްދު، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މި ފަރިއްކޮޅު ބާއްވާފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ގެކޮޅުގައެވެ. ‎އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަން ރާއްޖެއަށް ޚާއްޞަވެގެންދާ އެއްކަމަކީ މި ސެޝަނުގެ ރައީސްގެ މަޤާމު ފުރަތަމަ ފަހަރަށް ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމެވެ. މިއީ ރާއްޖެ އ.ދ. އާ ގުޅުނުފަހުން، ބައިނަލްއަޤްވާމީ މައިދާނުގައި ފާއިތުވި ދިގު މާޒީގައި މިހާތަނަށް ރާއްޖެއަށް ނުލިބޭހާ ބޮޑު ކާމިޔާބީއެކެވެ. ‎އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުގައެވެ. އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގެ ތެރޭގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ ޙަރަކާތްތަކުގެ ތެރެއިން ބާއްވާ އެކިއެކި މަތީ ފަންތީގެ ރަސްމިއްޔާތުތަކުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.