ދުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އިންސާނުންގެ ޞިއްޙަތަށް އެންމެ ބޮޑު އަސަރެއްކުރާ އެކައްޗެވެ. އެހެންކަމުން އިންޑިއާއިން މަސައްކަތްކުރަމުން ގެންދަނީ އެގައުމުގެ ޖައްވުގެ ވައިސާފު ކޮށް ނޭވާލުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށެވެ.

އިމްޑިއާގެ މުންބާއީގައި ދިރިއުޅުނު 10އަހަރުގެ އަންގަތު، ފުޓުބޯޅަ ކުޅޭއިރު ނޭވާ ލުމަށް ދަތިވެއެވެ. އެއީ މި ބޮޑު ސަހަރުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރުން އެ ކުއްޖާގެ އަސްތަމާގެ އަސަރު އިތުރަށް ގޯސްވާތީއެވެ. މިހާރު 23 އަހަރު ވެފައިވާ ޒުވާން އަންގަތު ހާމަ ކުރިގޮތުގައި މުންބާއީގައި އޭނާ ބޮޑުވަމުން އައި ދުވަސްވަރު، ފުޓްބޯޅަ ކުޅެން ބޭރުގައި އުޅޭ އިރު އަބަދުވަސް ކެއްސައެވެ. އެދުވަސްވަރު އޭނާ އަށް އަސްތަމާގެ އަސަރު ވަރަށްބޮޑަށް ކުރެއެވެ.

އެމެރިކާ އާއި އަޅާ ބަލާއިރު އިންޑިއާގައި ދިރިއުޅޭއިރު ހަކަތަ ދައްވާ ވަރުފާހަގަވާކަމަށާއި ހެނދުނު ނިދާ ތެދުވާއިރު، ވަރުބަލިވެފައި ހުންނަކަން ފާހަގަ ކުރެވޭކަން ޒުވާން އަންގަތު ދަރިޔާނީ ހާމަ ކުރިއެވެ. މިއީ ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން ކުރާ އަސަރުކަމަށްވެސް އޭނާ ބެނެއެވެ.

ދަރިޔާނީ އޭނާއަށް ވައިނުސާފު ވުމުން ތަހައްމަލުކުރި އުނދަގޫތަކުގެ ތަޖުރިބާ އަށް ބިނާކޮށް ވައި ސާފުކުރާނެ އާލާތެއް ތައްޔާރުކުރަން ގަސްތު ކުރިއެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި އޭނާ ބުނަނީ ވައިގެ ތެރޭގައި ހުންނަ ކުދިކުދި ޒައްރުތައް އެއްކޮށް އެ ތަކެތި ބޭނުން ތެރި އެއްޗަކަށް ބަދަލުކުރުމެވެ. ދަރިޔާނީ އެމެރިކާގެ ޖޯޖިޔާ އިންސްޓިޓިއުޓް އޮފު ޓެކްނޮލޮޖީގައި ކިޔެވި ދުވަސްވަރު އޭނާ ފަރުމާކުރި ދޮރުން ބޭރު ވައި ސާފުކުރާ މެޝިނުން ޖައްވުގައި އެނބުރޭ ކުނިތައް ދަމައި ގަތުމަށްފަހު ސާފުވައި ޖައްވުގެ ތެރެއަށް ދޫކުރެއެވެ.

އޭނާގެ މި ޕްރޮޖެކްޓްގައި މިހާރު މަސައްކަތް ކުރަމުންގެންދަނީ ފިލްޓަރު ބޭނުންނުވާ އަދި ކޮންމެ މީހަކަށްވެސް އަތްފޯރާ ފަށުން ލިބޭ އަގެއްގެ މެޝިނެއް ތައްޔާރު ކުރުމަށެވެ. ސަބަބަކީ ޖައްވުގެ ވައިނުސާފު، ގިނަ ގައުމުތަކަކީ ދުނީޔޭގެ އެންމެ ފަގީރު ގައުމުތަކަށް ވުމެވެ.

މިހާރު ދަރިޔާނީ މަސައްކަތްކުރަމުންދަނީ އިންޑިޔާގެ ސުކޫލުތަކާއި ބައެއް ހޮޓާތަކުގައި މި މެޝިނު ހަރުކޮށް ތަޖުރިބާ ކުރުމުގެ މަރުހަލާ ފެށުމަށެވެ. މި މެޝިނަށް އިންވެސްޓު ކުރަން ބޭނުންވާ ގިނަ ކުންފުނި ތަކުގެ ސުވާލަކަށް ވެފައިވަނީ މި މެޝިނުން އެއްކުރާ ކުޏަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ މިކަމަށްވެސް ދަރިޔާނީ ވަނީ ހައްލެއް ހޯދާފައެވެ. މި ހައްލަކީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކާބަން ކްރާފުޓުން ހޯދައިދިން ހައްލެކެވެ. އެއީ މި އެއްކުރެވޭ ކާބަން ކުނިތައް ކުރެހުން އަޅާފައިވާ ރީތި ތަށިމުށިތަކަކަށް ބަދަލުކުރުމެވެ.

ދުނިޔޭގެވާ އެންމެ ވައި ނުސާފު 30 ސަހަރު ހިމެނޭ 22 ސަހަރު އޮންނަ އިންޑިއާއިން އަހަރަކު އެއް މިލިޔަން މީހުން ނުސާފު ވައިގެ ސަބަބުން މަރުވެއެވެ.

މި ތޣައްޔަރުވެފައިވާ ވައިގެ ސަބަބުން ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވެއެވެ. އަދި ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ބާރު ދެރަވެ، ހަށިގަޑުގެ ގުނަވަންތަކަށް އަސަރުކުރެއެވެ.

އެކަމުގެ ސަބަބުން 2020 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 54000 މީހުން ޅަ އުމުރުގައި މި ދުނިޔެ ދޫކޮށްފައިވާކަމަށް ދެކުނު އިރުމަތީ އޭޝިޔާގެ ގްރީން ސްޕޭސް ދިރާސާގައި ވެއެވެ.

ދިއްލީގެ ޗީފު މިންސްޓަރު ވިދާޅުވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ސަބަބަކީ ވައި ނުސާފު ވުމެވެ.