އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިއްޔެ އ.ދ. ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އައު ދައުރަކަށް އެންޓޯނިއޯ ގުޓާރޭޒް އިންތިޚާބުވެ ވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، ދުނިޔޭގެ މަޝްރަޙު މިހާ ހަލަބޮލި ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވެ. އަދި ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އުފައްދަވާފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދުނިޔޭގެ އެކިޤައުމުތަކަށް އަދި ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން މިފަންޑުގެ ސަބަބުން ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ވެކްސިންގެ ހަމަހަމަކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައީސް ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކަށް އެއްބާރުލުންދީ، ހުރިހާ ޤައުމުތައް އެކުގައި މަސައްކަތްކޮށް، ކޯވިޑް-19 ޕެންޑެމިކް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތަކާއި ރާއްޖޭގައި ވެކްސިން ދެވޭ އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާ ކުރައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަން ފާހަގަކުރައްވަމުން، މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެންދިޔަކަމަށާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ޞިއްޙީ ކުއްލި ހާލަތު މެނޭޖުކުރުމަށް ހޭދަކުރަންޖެހުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، މިކަމުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް، މިކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމަށް ބޭނުންވެފައިވާކަން ވަރަށް ސާފުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މުޅިދުނިޔެއިން މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ ޤައުމު އަލުން އާރާސްތްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނުގެ އެއްބާރުލުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.