މިއީ ދިވެހިން ކުޑަ ނޫންކަން މުޅި ދުނިޔެ ހެކިވާ ވަގުތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އދ. އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ބަހުން ތަގުރީރު ކުރައްވަމުން ވިދާޅުވީ ދިވެހީންނަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފަހުން އެމަނިކުފާނު މިއަދު އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި ދިވެހި ބަހުން އެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ހުރިހާ ދިވެހިންނަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ.

"މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި މަޖިލީހުގެ ރިޔާސަތާއި މުހާތަބުކޮށް އަޅުގަނޑު ވާހަކަ މި ދައްކަނީ ދިވެހީންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކަށްވި ދިވެހި ބަހުން. މި މަޖިލީހުގެ ރިޔާސަތަށް އެންމެ ފަހި ފަސޭހަ އަދި ފަރިތަ ބަހުން. މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫން ކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު. މިއީ ހުރިހާ ދިވެހިންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތު އަދި އެކަމުގެ ކުފޫ ދިވެހިންގެ ކިބައިގައި ހަމަވޭތޯ، ނުވަތަ ނޫންތޯ މީގެ 56 އަހަރު ކުރިން ސުވާލު އުފެއްދި ކަމަށެވެ. އަދި މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު ކަމަށާ، މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާ މަތިވެރި ޝަރަފެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.