ކޮވިޑް-19 އާއި ގުޅިގެން ޤައުމު ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމުގެ ގޮތުން، އާސަންދަ ކުންފުނިން ދީފައިވާ އިރުޝާދުތަކަށް ބަދަލުގެންނަށް އެ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން، ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރުމަށް ވަނީ ނިންމާފައެވެ. އަންނަ އޮކްޓޯބަރު ފުރަތަމަ ދުވަހުން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށް ވެސް އާސަންދައިން ވިދާޅުވެފައިވެއެވެ. ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާ ވެސް ޑޮކްޓަރު އާ ބޭސްސިޓީއެއް ލިޔެދެއްވެމުންނެވެ.

މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން، 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށްފަހުވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް، 1 ނޮވެމްބަރު 2021 އިން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިން ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުންކަމުގައި ވާތީ، ހުރިހާ ފަރާތްތަކުން ވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް ހަނދުމަކޮށް އަރުވަމެވެ.،" އާސަންދައިން ވިދާޅުވެފައިވެއެވެ.