ޓެރަރިޒަމްގެ އަސްލު މައި ނާރެހަކީ އިންޑިއާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން މިހެން ބުނީ، ޓެރަރިސްޓު ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއާއި އިންޑިއާ ގުޅިގެން ޕާކިސްތާނަށް ގޮވާލި ގޮވާލުމަށް ރައްދުދީ ނެރުނު ބަޔާނުގައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި، އިންޑިއާގެ އެކުވެރި ގައުމުތަކަށް ގޮވާލާފައިވަނީ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިންޑިއާ ފަތުރާ ޕްގޮޕަގެންޑާ ވާހަކަތަކުގެ އަވާގައިޖެހި ނުހެއްލުމަށެވެ.

ސްޓޭޓް ޓެރަރިޒަމްގެ ހަގީގީ މައި ނާރެހަކީ އިންޑިއާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ދެކުނު އޭޝިޔާގެ ސަލާމަތީ ކަންކަމާ ގުޅޭ މައްސަލަތަކުގައި އިންޑިއާގެ އެކުވެރި ގައުމުތަކުންވެސް، ހަރުދަނާ ގޮތެއްގައި ވިސްނުންތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ. އަދި ހަގީގަތާދުރު، އެއްކޮޅަށް ޖެހިފައިވާ ކަންކަން ގައުމުތަކުން ބަލައިގަތުމާ ދުރުހެލިވުމަށްވެސް ގޮވާލާފައި ވެއެވެ.

ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއާއި އިންޑިއާއިން ޕާކިސްތާނަށް ގޮވާލާފައިވަނީ، އިހަށްދުވަހު އިންޑިއާއަށް ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރާއި، ދިފާއީ ވަޒީރާއި އަދި އިންޑިއާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރާ ދެމެދު ބޭއްވި 2+2 މިނިސްޓްރީއަލް މީޓިންގއަށްފަހު ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ޕާކިސްތާނަށް ގޮވާލާފައިވަނީ، ޓެރަރިޒަމާ ދެކޮޅު އަމަލުތައް ހިންގުމަށް ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އެއްވެސް ބިމެއް ބޭނުން ނުކުރެވޭކަން ކަށަވަރު ކުރުމަށް، އާރުލާ ފިޔަވަޅުތަކެއް އެޅުމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ-އިންޑިއާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ހުރި ވާހަކަތަކީ އޮޅުންއަރާ، ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ބަޔާނާ ޕާކިސްތާނު ދެކޮޅުހަދާ ކަމަށްވެސް ބުނެފައި ވެއެވެ.

ޕާކިސްތާނުގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ-އިންޑިއާގެ ގުޅިފައިވާ ބަޔާނަކީ ވަކި ފަރާތަކަށް ޖެހިފައިވާ ބަޔާނެއް ކަމަށެވެ. ޕާކިސްތާނާމެދު ކޮށްފައިވަނީ ނުބައި ތަސައްވުރެއް ކަމަށެވެ.

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގެ އިންސާނީ ހައްގުތަކުގެ ހާލަތާއި، ކަޝްމީރުގެ ރައްޔިތުންނަށް އިންޑިއާއިން ޖައްސަމުންދާ ނިކަމެތި ހާލަތުގެމަތިން އެމެރިކާ ހަނދާން ނައްތާލާފައިވާ ކަމަށްބުނެ ޕާކިސްތާނު ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެމެރިކާ ކުށްވެރިކޮށްފައި ވެއެވެ.

އެމެރިކާގެ މައްޗަށް އޮތް ބައިނަލްއަގްވަމީ ޒިންމާ އަދާ ކުރުމުގައި އެމެރިކާ ފެއިލްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮންމެފަދަ އެއްޗެކޭ ކިޔައި ބަޔާންތައް ނެރުނަސް، ސަރަހައްދުގެ ސްޓޭޓް ޓެރަރިޒަމްގެ މައި ނާރެހަކީ އިންޑިއާކަމަށާއި، އެ ހަގީގަތް އޮޅުވާނުލެވޭނެ ކަމަށް ޕާލިސްތާނުން ބުނެފައި ވެއެވެ.

ކަޝްމީރު އިސްތިއުމާރުކޮށްގެން، މުސްލިމުންނާ ދެކޮޅު މީހުންނަށް ހިމާޔަތްދީގެން އުޅެނީ އިންޑިއާ ކަމަށާއި، ޓެރަރިޒަމްގެ ޝިކާރައެއް ކަމަށް ދުނިޔެއަށް ދައްކައިގެން އިންޑިއާއިން މަސައްކަތް ކުރަނީ، ކަޝްމީރުގައި ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގެ ސަމާލުކަން އަނބުރާލުމަށް ކަމަށްވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޑިއާއިން ކިތަންމެ މަސައްކަތެއް ކުރިޔަސް، ހަގީގަތް އޮޅުވާ ނުލެވޭނޭ ކަމަށާއި، އިންޑިއާގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް ޕާކިސްތާނުން ބުނެފައި ވެއެވެ.