ބޭނުންވާ ތަކެތި

500 ގުރާމު ކުކުޅު ( ކޮށާފައި )

4 މޭޒުމަތީ ސަމުސާ ތެޔޮ

3 ކަރަންފޫ

2 ކާފޫރުތޮޅި

1 އިންޗި ފޮނިތޮށި

2 ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު (ހިމުންކޮށްފައި)

2 ޓޮމަޓޯ ( މިކްސަރަށް އަޅާ ހިމުންކޮށްފައި / ޕުޔުރީ ހަދާފައި )

2 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރާފައި)

2 މޭޒުމަތީ ސަމުސާ މުގުރި މިރުސް

½ މޭޒުމަތީ ސަމުސާ ދިރި (މުގުރާފައި)

2 ތޮޅި މިރުސް ( ކުދިކޮށް ކޮށާފައި )

2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

8 ކަޖޫނަޓް (މުގުރާ ހިމުންކޮށް ޕޭސްޓް ހަދާފައި)

3 މޭޒުމަތީ ސަމުސާ ފްރެޝް ކްރީމް

1 މޭޒުމަތީ ސަމުސާ ބަޓަރ

1 މޭޒުމަތީ ސަމުސާ ހިކި އޯބަތް ފަތް

1 ކެޕްސިކަމް ( ބޮޑެތިކޮށް ކޮށާފައި )

ކުލަ ހިފާވަރަށް ރީނދޫ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރުން

އެންމެ ފުރުތަމަ ތަވަޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާ ހޫނުކޮށްލާށެވެ. އެއަށްފަހު ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަޅާށެވެ. މިނެޓެއްފަހުން ކޮށާފައި ހުރި ފިޔާކޮޅު އަޅާލާށެވެ. ފިޔާކޮޅަށް ރަންކުލަ އެރުމުން ކޮށާފައި ހުރި ކުކުޅުކޮޅު އަޅާށެވެ. އެއަށްފަހު އިނގުރުލޮނުމެދު އަޅާށެވެ. ދެން ކުކުޅު ތައް ތަވާގައި ތެއްލާލާށެވެ. 5 މިނެޓެއްހާއިރުން ތެއްލެވޭނެއެވެ. ކުކުޅު ރަނގަޅަށް ތެއްލެވުމުން ޓޮމާޓޯ ޕިޔުރީ އަޅާށެވެ. އެއަށްފަހު ރީނދޫ، ލޮނު، ކޮތަނބިރި، ދިރި، މުގުރި މިރުސް، ތޮޅިމިރުސް އަޅާށެވެ. ދެން ހުރިހާއެއްޗެއް ރަނަގަޅަށް އެއްކޮށް މަތިޖަހައިގެން ކައްކާލާށެވެ. މާބޮޑަށް ހިކި ނަމަ، ކުޑަ ފެންފޮދެއް އަޅާށެވެ. ދެން މަތި ނެގުމަށްފަހު ޔޯގަޓާއި ފްރެޝް ކްރީމް ކަޖޫނަޓް ޕޭސްޓް އަޅާށެވެ. އެއަށްފަހު ހުރިހާއެއްޗެއް އެއްކޮށް، މަތި ޖަހަހައިގެން ފަސްމިނެޓު ކައްކާލާށެވެ. ދެން އެހެން ތަވައެއްގައި ބަޓަރ ދިޔާކުރުމަށްފަހު ކޮށާފައި ހުރި ކެޕްސިކަމް އަޅާށެވެ. މިނެޓެއްހާއިރު ކެޕްސިކަމް ހަނާކޮށްލުމަށްފަހު އޯބަތު ފަތްކޮޅު އަޅާށެވެ. ދެން މި ކެޕްސިކަމް އެއްކުރި އެތިކޮޅު ކުކުޅު ތެއްޔަށް އަޅައި އެއްކޮށްލާށެވެ. ދެން ކުކުޅުތެލި އުނދުންމަތިން ބާލާށެވެ.