ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ދެޤައުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންވެސް ހިމެނޭގޮތަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އެ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ޞިއްޙީ މާހިރުންގެ ޓީމެއް ފޮނުވައިދެއްވައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ އެ ޤައުމުގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވެ، މި ބަލީގައި މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޯވިޑް ޕެންޑަމިކްގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ދިވެހި ސަރުކާރަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައުޟޫޢަށް އަލިއަޅުވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންގްލަދޭޝްއާއި ރާއްޖެއަކީ ކްލައިމެޓް އިމަރޖެންސީ އެންމެބޮޑަށް ތަޖުރިބާކުރެވޭ ނާޒުކު ޙާލަތެއްގައިވާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ މިހާރުގެ ޗެއާގެ ހައިސިއްޔަތުން ބަންގްލަދޭޝްއިން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފު ކުރައްވާފައެވެ.
މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހު ގްލަސްގޯގައި ބާއްވާ ކޮޕް-26 ސަމިޓުން އެދެވޭ ނަތީޖާތަކެއް ނެރުމަށް ބަންގްލަދޭޝްއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާކަމުގައި ދެބޭފުޅުންވެސް ވިދާޅުވިއެވެ. އަދި ބޮޑުވަޒީރު ޝައިޚް ޙަސީނާ ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ބަންގްލަދޭޝްއާއި ރާއްޖެއަށްވެސް ނުރައްކަލާ ކުރިމަތިކުރުވާނެ މައްސަލައެއްކަން ފާހަގަކުރައްވައި، އެހެންލީޑަރުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައިވެސް އެކަމާމެދު މަޝްވަރާކުރައްވާނެކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރޮހިންޔާ މުސްލިމުންގެ ކަންކަންމުގައި ރާއްޖެއިން ބަންގްލަދޭޝައަށް ތާއީދުކުރާކަން ހާމަ ކުރައްވައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް މެދުވެރިކޮށް ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝް ސަރުކާރާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.މީގެ އިތުރުން ދެ ބޭފުޅުން ވަނީ އައު ދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އެއަރ ކާރގޯގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރުމަށާއި ވިޔަފާރިއާ ކޮމަރސް އަދި އިކޮނޮމިކް ޑިޕްލޮމަސީ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށްވެސް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.