ރާއްޖެއާއި ބޭރު ގައުމުތަކުގައި ހައްދާ ކަރާ ވެސް އާންމު ގޮތެއްގައި ހުންނަނީ ވައްކޮށް ނުވަތަ ކުކުޅުބިސް ބުރަށެވެ. އެހެން ނަމަވެސް ހަތަރެސް ކަނަށް ވެސް ކަރާ ހެއްދިދާނެކަން ޖަޕާނުގެ ދަނޑުވެރިން ސާބިތުކޮށްދީފިއެވެ. އަދި ބޭނުން ގޮތަކަށް ކަރާގެ ބައްޓަން ފަރުމާކުރެވިދާނެއެވެ. ކަރާ ނޫނަސް ބަރަބޮލާއި ކެކުރި އާއި "މެލަން" ފޮނިކެކުރި ވެސް ތަފާތު ބައްޓަންތަކައް ހެއްދިދާނެއެވެ.

ކަރާ ހައްދަނީ ރަނގަޅަށް އަވި ލިބޭ ހުސްބިމުގައެވެ. ކަރާ ހައްދާ ވެއްޔަކީ ހޫނުކަން ލިބޭ އަދި ގިނައިން ފެންވެސް ލިބޭ ވެއްޔަކަށް ވާންޖެހެއެވެ. ކަރާ ހަތަރެސްކަނަށް ހެއްދުމަށް ވެލިގަނޑަށް ހޫނުވުމުން ކަރާގެ އޮށް އިންދާނީ ތިން އޮށުން ތިން އޮށުން ކައިރި ކައިރީގައެވެ. ކަރާ ހައްދާއިރު ވަރަށް ގިނައިން ފެން ދޭން ވާނެއެވެ.

ގިނައިން ފެން ދިނުމުން ކަރާވެޔޮ ވަރުގަދަވެ ރަނަގަޅަށް އަދި ވަހަށް ބޮޑުވެއެވެ.

ކަރާ ވެޔޮ ފޯދި ކަރާ އެޅުމުން ހަތަރެސްކަން ފޮއްޓެއް ހޯދާށެވެ. ބިއްލޫރި ނުވަތަ " އާކްލިކް" ( ޕޮލާސްޓިކުގެ ވައްތަރެއް ) ގެ ފޮއްޓެކެވެ. މި ފޮއްޓަކީ ވަޔާއި ފެން އަދި އަވި ލިބޭނެ ފޮއްޓެއްކަމަށް ވާންވާނެއެވެ. އަދި ކޮންމެވެސް އެއްފަރާތެއް ހުޅުވޭ ލެއްޕޭގޮތަށް ހުންނަންވާނެއެވެ. އެއަށްފަހު ޅަ، ކަރާ ވެލުން ނުނެއްޓޭނެ ގޮތަށް ފޮށްޓަށް ލާށެވެ. އެއަށްފަހު ހަމަ އެހެންނާވެސް ކަރާ ހައްދާގޮތަށް ފެންދީގެން ކަރާ ބޮޑުވެ ދޮންވަންދެން ބަލަހައްޓަންވާނެއެވެ.

ހަތަރެސްކަންނޫން އެހެން ބައްޓަންތަކަށްވެސް ކަރަޔާއި ބަރަބޯފަދަ ތަކެތި ހެއްދިދާނެއެވެ. ބޭނުންވަނީ އެހައްދާ ބައްޓަމެއްގެ ފޮއްޓެކެވެ.

މިގޮތަށް ކަރާ ހެއްދުމުން ފުރިޖަށް ލުމާއި މަތިޖެހޭ އެއްޗިއްސަށް ލާފާ ބަހައްޓަންވެސް ފަސޭހަވާނެއެވެ.

- މައުލޫމާތު: ޔަކުޑަޗިހިންޓޯ ޑޮޓްކޮމް