ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދިނުމަށް އުޅުމުގެ ތެރޭގައި، ބައްޔަށް ޕޮޒިޓިވްވެ ފުރާނަ ގެއްލިގެންދިޔަ ސިއްހީ މަސައްކަތްތެރިންގެ އާއިލާތަކަށް މާލީ އެހީދޭން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން، ސައުދީ ސަރުކާރުގެ ކެބިނެޓުން އިއްޔެވަނީ، ކޮވިޑް ބަލީގައި މަރުވި ސިއްހީ ކޮންމެ މަސައްކަތްތެރިއެއްގެ އާއިލާއަށް 5 ލައްކަ ސައުދީ ރިޔާލްގެ މާލީ އެހީތެރިކަން ދިނުމަށް ނިންމާފައެވެ.

ސައުދީ އަރަބިއްޔާގެ ސިއްހީ އެހީތެރިންގެ އިތުރުން، އެގައުމުގައި ސިއްހީ ޚިދުމަތުގައި އުޅެނިކޮށް މަރުވި ބޭރު ގައުމުތަކަށް ނިސްބަތްވާ ސިއްހީ އެހީތެރިންގެ އާއިލާތަކަށްވެސް މާލީ އެހީތެރިކަން ދޭން ކެބިނެޓުންވަނީ ނިންމާފައެވެ.

ސަރުކާރާއި، އަސްކަރިއްޔާގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ސިއްހީ ޚިދުމަތުގައި އުޅެނިކޮށް މަރުވި މީހުންގެ އައިލާތަކަށްވެސް މާލީ އެހީތެރިކަން ލިބޭގޮތަށްވަނީ ހަމަޖައްސާފައެވެ.

ސައުދީ އަރަބިއްޔާގައި ކޮވިޑްބަލި ފެތުރޭން ފަށައި، ސިއްހީ މަސައްކަތްތެރިޔަކު އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މާޗްމަހުގެ 31 ވަނަ ދުވަހުއެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ، އެދުވަހުގެފަހުން ބަލިޖެހި އަދި ބަލީގައި މަރުވި ހުރިހާ ސިއްހީ މަސައްކަތްތެރިންގެ އާއިލާތަކަށް ބަދަލުދޭނޭ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް 346،482 މީހުން ޕޮޒިޓިވްވެފައި ވާއިރު، މީގެތެރެއިން 5،363 މީހުން މަރުވެފައިވާ ކަމަށް، ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 333،005 މީހުން ބަލިން ފަސޭހަވެފައިވާއިރު، މިއީ ބަލިޖެހުނު ޖުމްލަ މީހުންގެ %96.11 އެވެ. ބަލިން ފަސޭހަވާ މީހުންގެ ރޭޓް ސައުދީގައި ވަރަށް މައްޗެވެ.