ރައީސް ޔާމީން ހިންގުންތެރިކަމާ ހިކުމަތްތެރި ކަމާއެކު ނެރުއްވާފައިވާ ނަތީޖާ މި ސަރުކާރުންވެސް ގަބޫލުކޮށްފިކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޒަޢާމަތުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި ބިނާކުރެއްވި ސަލްމާން މިސްކިތަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަލަމަތި ބަދަލު ކޮށްލާވަރުގެ، މާލޭގެ ތަސައްވުރު ބަދަލުކޮށްލާވަރުގެ ބިނާއެއް ރައީސް ޔާމީން އަޅުއްވާ ދެއްވިކަން މިސަރުކާރުންވެސް މިއޮތީ މިއަދު ގަބޫލުކޮށްފައި ކަމަށެވެ.

"ހުކުރުދުވަހުގެރޭ ހޮޓެލް ޖެންގައި އޮތް ސައުދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އޮތް ރަސްމިއްޔާތަކަށް އަޅުގަނޑުވެސް ދިޔައިން. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވަނީ ސަލްމާން މިސްކިތަކީ މާލޭގައި ހުރި އެންމެ ބޮޑު އިސްލާމީ ބިނާކަމަށް ވެގެންދާނެއޭ. އެ މިސްކިތް ހުޅުވުމުން މާލޭގެ މަލަމަތި ބަދަލުވެގެން ދާނެއޭ. އެއީ ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އިސްލާމީ އެއް ބިނާއޭ. އަޅުގަނޑު މިރޭ ދަންނަވާލާން ބޭނުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަމުގައި މިއަދު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި އިސްލާމްދީނަށް ހަޖޫޖަހާ ރަސޫލާ އަށް ޖޯކު ޖަހާ މިކަހަލަ އެތައްކަމެއްކުރި ބަޔަކު އެބަތިބި ކަމަށެވެ. އަދި މިއަދަކު ރާއްޖެއަކުން އިސްލާމީ ޝިއާރު އުފުލުމަށްޓަކައި މަސައްކަތްކުރާތަނެއް ނުފެންނަކަމަށާއި މިއަދު ފެންނަމުންދަނީ ހަރުކަށި ކަމުގެ މައްޗަށް މަޑުކަށިކަން އިތުރުކުރެވޭތޯ މަސައްކަތްކުރަމުންދާ މަންޒަރު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެތައް މިސްކިތެއް އެބަހުރި ހުޅުވަން ނުކެރިފައި. މިސްކިތްތަކުގައި ފާހިޝް ޢަމަލުތައް ހިންގާ މިންވަރު އިތުރުވަމުންދާތީ ދަންނަ ބޭކަލުން ޝައިޚުން ވަރަށް ކަންބޮޑުވެގެން އެބައުޅުއްވާ. ކާކުތޯ އެކަމާ ކަންބޮޑުވެގެން އުޅުއްވަނީ. ރ. އަތޮޅުގެ ފަޚުރުވެރި ދަރިއެއް ކަމުގައިވާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ހެދި އިމާރާތް އަދިވެސް ހުޅުވާކަށް ނޫޅޭ. ސަލްމާން މިސްކިތް ހުޅުވާލަންވެސް ކެރިވަޑައިނުގެން އުޅުއްވަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ކަންބޮޑުވުން އޮތް މައްސަލައަކީ އަޅުގަނޑުމެންގެ މިނިވަންކަމާ ސިޔާދަތު ގެއްލުވާޅަން ކުރެވޭ މަސައްކަތް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. ގައުމުގެ ސިޔާދަތު ނަގާލަން މަސައްކަތް ކުރަމުން މިއަދުވެސް އެދަނީ ރައިސް ޔާމީންގެ ސަރުކާރުގައިވެސް މިގައުމުގެ ސިޔާދަތު ގެއްލުވާލުމަށް އަސްކަރީން މިގައުމަށް އެރުމަށް ގޮވާލި ބަޔަކު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތަކާއި މަންޒަރުތަކާއި މައުދަންތައް ހުރިތަންނަތަނާއި މިހުރިހާ މައުލޫމާތެއް އެއްކުރަން ބޭރު ބަޔަކާ ހަވާލު ކުރީ ޣައްދާރުން ކަމަށްވެސް ވިދާޅުވިއެވެ. އެތެރެގެ ތެރެއަށްވެސް ބޭރުގެ ނުފޫޒު އައިސް ވައްދާލާފައިވާ ކަމަށްއި އަނެއްކޮޅުން ކޮވިޑްގެ ޙާލަތުގައި އެތައް މިލިއަން ޚަރަދުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުވެސް ނުގެނެވުނު ކަމަށާއި އެކަން ކުރިމީހުން އިންސާފުގެ ދަރުބާރަށް ވެސް ހާޒިރު ނުކުރެވުނު ކަމަށް ވިދާޅުވިއެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް ޕޮލިސީ ވަނީ ފެއިލްވެފައި ކަމަށާއި ވަގުގައި ވަގު ހިފާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވިސްނުންފުޅުގައި ޒުވާނުންނަކީ ޤައުމުގެ ދިރުން ޤައުމީ ތަރައްޤީގެ ހަކަތަ. ޒުވާނުންނަކީ ޤަދަރުވެރި ޢަބުރުވެރި ބައެއް. ޒުވާނުން ކައިބޮއެ ހަދަންޖެހޭނީކީ ގޮނޑު ހޮވައިގެންނެއްނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި އެއްލައްކަ ވަޒީފާ އުފެއްދެވީ އެހެންވެގެން ކަމަށާއި ކުދި އަދި މެދުފަންތީގެ ލޯނު ދެއްވާ ޒުވާނުންނަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދެއްވާ އެތައް ހާސް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެއްވީ ރައީސް ޔާމީނަކީ ޒުވާނުންގެ ވެސް ރައީސަށްވީތީ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުކޮށް ޑިމޮކްރެސީގެ ނިޒާމު ގެނައުމުގައި އެންމެ ފުރިހަމަ މަސައްކަތްޕުޅު ތަކެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އެއްވެސް ޕާޓީއެއްގައި ނެތްވަރުގެ ވަރުގަދަ ސިޔާސީ ލީޑަރުން ކޯލިޝަންގައި އެބަތިބި ކަމަށާއި ނަމަވެސް އެ ސިޔާސީ ލީޑަރުން ލީޑަރުންނަށް ހައްދަވާދެއްވީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީނަކީ މިގައުމުގައި ސިޔާސީ ލީޑަރުން އުފެއްދެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް 30 އަހަރު ސަރުކާރުގައި މަސައްކަތްކުރިއިރު އަބަދު ކިޔަން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއޭ. ކުޑަކުދިންނަށް ހީވެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އެއީ އެމަނިކުފާނުގެ ނަންފުޅު ކަމަށް . އެބަދަލު ، މިއަދު އަޅުގަނޑުމެން މުޙައްމަދު ނަޝީދު ކަމަށް ވިޔަސް އިބްރާހީމް މުޙައްމަދު ސާލިހު ކަމަށްވިޔަސް، އެބަދަލު ގެނައުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލުމުގައި ރައްޔިތުންނާއެކީގައި އެންމެ ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ޔާމީން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އޮޕޮޒިޝަން މަސައްކަތް ކުރަމުން މިދަނީ ޒިއްމާދާރު ކަމާއެކުގައި ކަމަށާއި އެގޮތުން މިސަރުކާރުން ކުރާ ގޯސްކަންކަން ރައްޔިތުންނާ ހަމައަށް ތިލަކޮށް މިގައުމުގައި އިސްލާމީ ޝަރީޢަތާއި މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު ރައްކާތެރި ކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ފާޑުކިޔުމަކީ އޮޕޮޒިޝަންގެ އަމާޒު ކަމުގައި ވިދާޅުވިއެވެ. އަދި ރައީސް ޔާމީންއަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންދިއުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީސްގެ ތެރެއިން ކަމުގައިވިޔަސް އަދި މަގުމައްޗަށް ނިކުމެގެން ކަމުގައިވިޔަސް އެމަސައްކަތް ކުރިއަށްދާނެ ކަމަށާއި ފިސް ފިސް ކޮށްލިޔަސް އަދި ޗިސްޗިސް ކޮށްލިޔަސް އެމަސައްކަތް ހުއްޓުމެއް ނެތްކަމަށް ވިދާޅުވިއެވެ.

- ޚަބަރު ޕީޕީއެމް