ކުރިޔަށް އޮތް ދިވެހިންގެ ފުޓްބޯޅަ އީދު؛ "ސާފް ޗެމްޕިއަންޝިޕް"ގެ މިއަހަރުގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ސޮއިކޮށްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަނާއި އެކު ޕާޓްނަރވުމަށް، މިއަދު ގަލޮޅު ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފާޒު އެެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އޮކްޓޫބަރު މަހުގެ 1-16 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިންޝުއަރަންސް ޕާޓްނަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ އިންޝުއަަރަންސް ޕެކޭޖެއް ފޯރުކޮށްދީފައެވެ.

އެގޮތުން ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރިމަތިވެދާނެ ހާނީއްކަތަކާއި އެހެނިހެން ހާލަތްތައް ކަވަރު ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ މި "ގްރޫޕް ޕަރސަނަލް އެކްސިޑެންޓް" އިންޝުއަރަންސް ޕްލޭންގެ ރައްކާތެރިކަން 29 ކުޅުންތެރިންނާއި 6 އޮފިޝަލުން ހިމެނޭގޮތަށް މުޅި ޓީމަށް މުބާރާތް ނިމެންދެން ލިބޭނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، މުބާރާތުގެ ފޯރިއާއި ގައުމީ ރޫހު އިތުރު ކުރުމަށް އިތުރު ކަންތައްތަކެއް ރާވަމުން ދާކަމަށްވެސް އެކުންފުނިން ފާހަގަ ކުރިއެވެ.