އެމްއެމް ޕީއާރްސީގެ ފައިސާ ބަހަން ބޭނުންކުރި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމުން ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ބާޠިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ ދައުލަތުގެ ވަކީލުންނަށް މަނީ ލޯންޑަރ ކުރި މީހުންނަށް ދައުލަތުން ދައުވާކުރަންވެސް ބޭނުންނުވާ ކަމަށާއި އެހިސާބުން ހުރިހާ މައްސަލައެއް ބާޠިލްވީކަމަށެވެ.
"އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ؟ މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ؟ މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާޠިލްވީ" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެއޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިހާރުވެސް އެސްއޯއެފްއިން ފައިސާ ޖަމާވި ތިންސަތޭކަ އެއްހާ މީހުންގެ ތެރެއިން ވިއްސަކަށް މީހުން މުއާމަލާތް ރަނގަޅު ކަމަށް ފަތްކޮޅު ދީފައި އެބަތިބި ކަމަށް ސަލީމް ވިދާޅުވިއެވެ.
"އެސްއޯއެފަށް ޖަމާވި ވަގުލާރިން 20 މީހުން ސަލާމަތްވެއްޖެ. ރަނގަޅު މުއާމަލާތޯ؟ ދެން ކާކު ސަލާމަތްނުވަނީ އޭގެއިން؟ ބަލަ އެންމެންވެސް ތިބީ ސަލާމަތްވެފައި. މައްސަލަ އެއޮތީ ބާތިލްވެފައި. އެއްބަޔަކު ކުށްވެރިވެފައި އަނެއް ބަޔަކު ސަލާމަތްވަނީ.މީ އަޖައިބެއް ކަހަލަ ކަމެއްނު؟" ސަލީމް ސުވާލު ކުރެއްވިއެވެ.
ސަލީމް ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ މިމައްސަލައެއް އުފެދުމުގެ ކުރިން މިމީހުން ދަންނަ ތަނެއްވެސް ނޫންކަމަށާއި އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށްބުނެ އޭނާ ވެސް އޭސީސީއަށް ހާޒިރު ކުރި ކަމަށެވެ.
"އަޅުގަނޑާ ވަރަށް ސުވާލުކުރި. އަދީބަކީ ވަގެއްކަން ނޭނގޭ ހެއްޔޭ؟ އެމްޕީއެލްއިން ޑޮލަރު ގަންނަން ލާރި ނެގި ހިސާބުން އައި ރިޕޯޓެއް ނެރުނޭ ޓީވީ ރޭޑިއޯތަކުންވެސް ގޮވިއޭ އަޑެއް ނާހަންހޭ؟ ސުވާލު ކުރުމުން އަޅުގަނޑު ދެންނެވިން އަނދުން ހުސެއިން ނީވުނު އެއްޗެއް ވަކި އަޅުގަނޑަށް އިވޭނެހޭ. އަނދުން ހުސެއިންއަށް އެބައޮތޭ ރަނގަޅު ކަމަށް ސިޓީ ލިބިފައި." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެމްއެޕީއާރްސީގެ 35 މިލިއަނެއްގެ ވާހަކަވެސް އެބަދެކެވޭ ކަމަށާއި އޭގެ 3 ހަތަރު ކަޅު ދަބަސް ގެންދިޔަ ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އެދަބަސް ހިފައިގެން ދިޔަތަން ދުށްމީހުން އެބަތިބި ކަމަށާއި މިތިބީ މައްސަލަ ސާބިތުކޮށްދޭން ކަމަށެވެ. ސަލީމް އިޝާރާތްކުރެއްވީ އެމްއެމްޕީއާރްސީގެ ފައިސާއިން ރައިސް ސާލިހު 35 މިލިއަން ރުފިޔާ އަދީބު އަތުން ގެންދެވި ވާހަކަ ތަކަށެވެ.
"ރައިސް ޔާމީންގެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. އެންމެ މަތިން ފަށަން ޖެހޭނީ. ރައީސް ޔާމީންގެ މައްސަލަ ޖެހޭނީ ބާއްވަން އެހެންނޫނީ ބާތިލުކުރަން. ޔާގޫތުގޭ ޓެރަސް މަތީ ކިތައް ދަބަސްތޯ؟ ތިން ދަބަހުގެ ފައިސާ ފޮނުވި ބަހަން. އިބްރާއަށްވެސް އެނގޭނެ އެކަން." ސަލީމް ވިދާޅުވިއެވެ.
މަޖިލީހުގައި ޕީޕީއެމް މީހުން ވޯޓުދެނީ ޕާލިމެންޓްރީ ގްރޫޕުން ނިންމާ ގޮތަށް ކަމަށާއި ސަރުކާރުގެ ބިލްތަކަށް ސަރުކާރުން ބޭނުންވާގޮތަށް ވޯޓުދޭއިރު ރިޝްވަތުގެ ފައިސާ ނަގާކަށް ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެފައިސާވީ އެމްޑީޕީ މީހުން އަތުގައި އަނެއްކާ އެމީހުން އެފައިސާ ހޯދީ ކޮންއިރަކުކަން އެނގޭތަ؟ ވަގުފައިސާކަން އެނގުނު ފަހުން. ޕީޖީ ލޯޔަރުކަމަށް ދިޔައީ ކޮންއިރަކުތޯ؟ އެމައްސަލައިގަ. އެހެންވީމަ ލޯޔަރަށް ލިބޭ ފައިސާއަކީ ކޮންތާކުން ލިބޭ ފައިސާއެއްތޯ؟" ޕީޖީ ޝަމީމަށް އިޝާރާތްކުރައްވާ ސަލީމް ސުވާލުކުރެއްވިއެވެ.
މިމައްސަލައިގެ ބާވަތަށް ބަލާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމަކީ ތިންސަތޭކަ އެތައް މީހެއްގެ މައްޗަށް އިއްވާ ހުކުމް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފިނަމަ އެ އިއްވެނީ ވަރަށް ގޯސް ހުކުމެއް ކަމަށާއި އެ ސްޓޭންޑް ނުނެގޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރައީސް ޔާމީން މިނިވަންކުރަން ކޯލިޝަންގެ ލީޑަރޝިޕުން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ރައިސް ސާލިހާއި ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަކުރެއްވި ކަމަށާއި ނަމަވެސް ސަރުކާރުން ހުށައެޅީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. އަދި އޭރުން ސަލާމަތްވާނެ ކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވާ އެމަނުކުފާނު އިޚްތިޔާރު ކުރެއްވީ ޖަލުގައި ހުންނެވައިގެން އެމަނިކުފާނުގެ މައުސޫމްކަން ސާބިތު ކޮށްދެއްވަން ކަމަށެވެ. ސަލީމް ވިދާޅުވީ ގައުމުތައް ހަލާކުވެގެންގޮސްފައިހުރީ އަދުލު އިންސާފު ގާއިމްނުކުރެވިގެން ކަމަށާއި، ރައީސް ޔާމީން ގޯސްވީ އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ އިންސާފުގެ މަގު ޚިޔާރު ކުރުމުން ކަމަށެވެ.