ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެނެވޭ ބަދަލުތަކުގެ ތެރެއިން ޕޮލިސް ޑިވިޜަންތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ދެއްވައިފިއެވެ.

ޑިވިޜަންތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމު ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށްފައިވާ ޑިވިޜަންތައް:

އަޕަރ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް

ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ

ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު

ސައުތު ޕޮލިސް (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާ ގޮތް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅުއްވާއިރު، ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމްވެގެންވާ ހަ ސަރަހައްދެއް ވަނީ ކަނޑައަޅުއްވާފައެވެ.

އެސަރަހައްދުތަކަކީ ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަހައްދު)، އަޕަރ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު)، ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު)، ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު)، ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު) އަދި ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު) އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ ހަ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ކުރިން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ބަހާލެވިފައިވަނީ މާލެ ސަރައްދުގެ އިތުރުން ހަތް ޑިވިޜަނެއްގެ މައްޗަށެވެ. އެއީ، ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޜަން، ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ޑިވިޜަން، ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން، މ. ފ. ދ އަތޮޅު ހިމެނޭ ސެންޓްރަލް ޕޮލިސް ޑިވިޜަން، ތ. ލ ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން، ގއ. ގދ ހިމެނޭ އަޕަރ ސައުތު ޕޮލިސް ޑިވިޜަން އަދި ޏ. ސ ހިމެނޭ ސައުތު ޕޮލިސް ޑިވިޜަންއެވެ.