ކޮންމެ މަންމައަކާ ބައްޕައަކީ ވެސް އެމީހުންގެ ދަރިންނަށް ނުހަނު ހެޔޮއެދޭ ބައެކެވެ. މައިންބަފައިންނަކީ ދަރިންނަށް އުފަލާ ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ ބައެކެވެ. ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ދަރިންގެ ކިޔެވުމަށްޓަކައި ގުދާރު ބިންދައިގެން މަސައްކަތް ކުރަނީ މައިންބަފައިންނެވެ. އެހެންކަމުން ދުނިޔޭގައި މައިންބަފައިން ތިބެ އެމީހުންގެ ޚިދުމަތް ލިބޭ ދަރިޔަކަށް ތިބާވުމީ މާތް ﷲ ތިބާއަށް ދެއްވި ކިހާ ބޮޑު ނިއުމަތެއް ހެއްޔެވެ. މައިންބަފައިންނަކީ ދަރިންގެ އުފަލަށް އެތައް ޤުރުބާނީ އެއްވާ ބަޔަކަށް ވީއިރު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ކޮންމެހެން ލާޒިމް ކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރާ ކަމެކެވެ. އެކަމަކީ އިސްލާމް ދީން އިންސާނާއަށް ބާރުއަޅާ ކަމެކެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް އޯގާތެރިވެ، އަޅާލާ، ކިޔަމަންތެރިކަން އަދާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ނަމަވެސް ތިބާއަށްޓަކައި މަސައްކަތްކޮށްކޮށް ގައި ބާރުދެރަވެ އެދެމީހުން ބަލިވާ ދުވަހު އެމައިންބަފައިންނާ ހެދި އުނދަގޫވާ ދަރިން މިކުޑަ މުޖުތަމައުގައިވެސް ވަރަށް ބައިވަރެވެ. ކީރިތި ޤުރުއާނުގެ 7 ތަނެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. މައިންބަފައިންނަށް ކިޔަމަންތެރިވުމަށް ޤުރުއާނުގެ އެތައް އާޔަތެއްގައި އަންގަވާފައިވެއެވެ.
މައިންބަފައިން ދުނިޔޭގައި ތިބުމަކީ ބާއްޖަވެރި ކަމެކެވެ. މައިންބަަފައިންނީ އޯގާތެރިކަމާއި ކުލުނުން ދަރިންގެ މުސީބާތްތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރާ ބައެކެވެ. މައިންބަފައިންގެ ހައްގުތައް އަދާކުރުމީ ކޮންމެ ދަރިއެއްގެ ވާޖިބެކެވެ. މައިންބަަފައިންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. އެ ޚިދުމަތްތަކުގެ އަގު އަދައެއް ނުކުރެވޭނެއެވެ. ޤަރުބަގަތީއްސުރެ ދަރީންނަށްޓަަކައި ދިރިއުޅުމުގެ ހުރިހާ ވަގުތެއް މައިންބަފައިން ހުސްކުރެއެވެ. ދަރިން ބޮޑެތިވެ ކިޔަވާ ނިމި ޒަވާޖީ ހަޔާތެއް ފަށާއިރުވެސް މައިންބަފައިން ހިދުމަތުގައި ތިބެއެވެ. ނަމަވެސް މައިންބަފައިން މާމައަކަށް، ކާފައަކަށް ވާދުވަހު އެދެމީހުންނަކީ ތިބާގެ ދަރިން ބަލާ މެއިޑް ގެ ގޮތުގައި ހަދަނީ ކިތައް ދަރިން ހެއްޔެވެ.
މިއަދުގެ ޒުވާނުންގެ އަމަލުތައް މިހެން ހުރި ނަމަވެސް މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންގެ ޚުލުޤުފުޅެކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މުޞީބާތްތަކުން ސަލާމްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއްވެސްމެއެވެ. އަދި ދިރިއުޅުން ބާއްޖެވެރިކޮށްދެއެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ.
މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.”
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެކެވެ. އަދި އެއީ ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް މަތިވެރިވެގެންވާކަމެކެވެ.
އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. سَألْتُ النَّبِيَّ صلى الله عليه وسلم أيُّ العَمَلِ أحَبُّ إلَى الله؟ قال: «الصَّلاةُ عَلَى وَقْتِهَا». قال: ثُمَّ أيٌّ؟ قال: «ثُمَّ بِرُّ الوَالِدَيْنِ». قال: ثُمَّ أيٌّ؟ قال: «الجِهَادُ فِي سَبِيلِ الله». متفق عليه.މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. “ﷲއަށް އެންމެ ލޮބުވެތިވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.” ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެޔަށްފަހު މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމެވެ.” ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟. ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމެވެ”
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.)وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ( (سورة لقمان: 14)މާނައީ: “އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި (މަންމަގެ ގާތުން) ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަންއިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށް ވެސްމެއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ.”
ނަމާދަށްފަހު އެންމެ ބޮޑު ހެޔޮވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކައެވެ. މިކަމުން މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. އެހެންކަމުން އަހަރެމެންގެ ހަޔާތް ބާއްޖެވެރި ކުރުމަށް އަދި ސުވަރުގޭގެ މަތިވެރި ނިއުމަތް އެދޭނަމަ މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ.