ރައްޔިތުންނަށް ޖާސޫސްކުރުމުގެ ބާރު ފުލުހުންނަށް ލިއްބައިދޭ ގަވާއިދު އިސްލާހުކުރަން މަޖިލީހަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. ސައީދު ހުށަހެޅި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ހަތް މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 22 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ހުށަހެޅުއްވި މައްސަލާގައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ތަޙުޤީޤުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ތަޢާރަޒުވާކަމަށެވެ.

މި ޤަވައިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށާއި، ފަރުދުންގެ އަމިއްލަ ހުރިހާ ޙަރަކާތްތައްބަލާ ޗެކްކޮށް ފާރަލުމާއި، ކެމެރާއާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދާ އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތުލިބޭފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ޙައްޤަށް އަރައިގަތުންކަމަށް ދެކޭކަމަށްވެސް ސަޢީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.

އެހެންކަމުން ޤާނޫނު އަސާސީން ލިބިދޭ އެއްވެސް ޙައްޤެއް ޤާނޫނަކުންވިޔަސް އަދި ޤަވައިދަކުންވިޔަސް ނިގުޅައި ނުގަނެވޭނެތީއާއި އަދި ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭގޮތަށް ޤާނޫނުއަސާސީ މާނަވެސް ނުކުރެވޭނެކަމަށް ކަނޑައެޅިގެން ބަޔާންކުރެވިފައިވާތީ، ތަޙުޤީޤުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅާ ކަމަށް ސައީދު ހުށަހެޅުއްވި މައްސަލާގައިވެއެވެ.