ކުދިން ހޯދުމަކީ ބައެއް ފަހަރު ކައިވެނި ރޫޅޭ ސަބަބެކޭ ބައެއް މީހުން ބުނެއެވެ. އެހެން ބުނެވެނީ ބައެއްފަހަރު ދެމަފިރިންނަށް ކުއްޖަކު ލިބެނީ ކުއްޖަކަށް ބޭނުންވެފައި ތިއްބައެއް ނޫނެވެ. ދަރިއަކު ބަލަން ތައްޔާރުނުވެ ތިއްބާ ދަރިއަކު ލިބުމުން ހާސްވެ ދިރިއުޅުން މަތިން ފޫހިވާ މީހުން ވަރަށް ގިނައެވެ.

އޭގެތެރޭގައި އަންހެނުން ވެސް ފިރިހެނުން ވެސް ހިމެނެއެވެ. މިވާހަކަ ދައްކަނީ ވަރަށް މަދު ބައެކެވެ. ގިނަ ފަހަރަށް ކައިވެނީގައި މައްސަލަ ޖެހި ދަރިފުޅުގެ ސަބަބުން ކައިވެނި ރޫޅެނީ ދަރިއަކު ލިބުމުން އަންހެން މީހާގެ ފަރާތުން އިހުގެ އުޅުން ފިރިމީހާ އަށް ނުފެންނާތީ ކަމަށް ބުނެއެވެ. އެކަމަކު މިފަދަ އިލްމީ ޒަމާނެއްގައި މިފަދަ ކަންކަން ވުމަކީ ވަރަށް ޒިންމާދާރުކަންކުޑަ މީހުންގެ ފަރާތުން ފެންނާނެ ކަމެކެވެ.

ދަރީންނަކީ ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާ މަތިވެރި ނިއުމަތެކެވެ. ތިބާއަށް ރިޒުގުތައް ތަނަވަސްވާ އެއް ދޮރެވެ. ބައެއް ފިރިހެނުން ޤަބޫލުކުރާ ގޮތުގައި ކުދިން ލިބުމުން އަނބިމީހާގެ ފަރާތުން އަޅާލުމެއް ނުލިބެއެވެ. ނުވަތަ ކުދިން ލިބުމުން ފިރިމީހާ އާމްދަނީ އިތުރަށް ހޯދުމަށް މަސައްކަތް ކުރާތީ އަނބިމީހާއަށް ދޭންޖެހޭ ގިނަ ހައްޤުތަކަކަށް ފިރިން ފަރުވާ ކުޑަ ކަމަށް ގިނަ އަންހެނުން ދެކެއެވެ. އަދި ދަރިން ލިބުމުން ފިރިހެނުން އަނބިންނާ އެކު ހޭދަކުރާ ވަގުތު މަދުކަމަށް ވަރަށް ގިނަ އަންހެނުން އެއްބަސްވެއެވެ. ކުއްޖަކު ލިބުމުން ޖެހޭ މައްސަލަތަކާއި، ކުއްޖާ ތަރުބިއްޔަތު ކުރުމުގައި އެކަކު އަނެކަކަށް ފަރުވާކުޑަވުމުގެ ސަބަބުންވެސް ޒަވާޖީ ހަޔާތް ހަލަބޮލިވެއެވެ. މިކަމާ އެއްބަސްވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ހެއްޔެވެ؟

ބައެއް މީހުން ދެކޭ ގޮތުގައި ދަރިން ލިބުމުން ދެމަފރިންގެ ދެމެދުގައި އޮންނަ ޖިންސީ ކަންތައްތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އަދި ދެމީހުން އެކުގައި ހޭދަކުރެވޭ އުފާވެރި ވަގުތުތަކަށް ނިމުމެއް އާދެއެވެ. ބައެއްފަހަރު އުޅޭތަނުގެ ކުޑަކަމާއި ދަރިއަކު ލިބުމުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން މިކަންކަމަށް ހުރަސް އެޅެއެވެ.

އެކަމަކު އަހަރެމެންގެ މިކުޑަ މުޖުތަމައުއަށް ބަލާޅުމުން ޅައުމުރުގައި ކައިވެނިކުރާ މީހުންގެ އަދަދު އިތުރުވާތަން ފެނެއެވެ. އަދި ގިނަ އަންހެނުން އާމްދަނީ ހޯދަން މަސައްކަތް ކުރާތަން ފެނެއެވެ. ވަޒީފާއަށް ނުދެވި ގޭގައި ތިބޭ އަންހެނުން ގޭތެރޭގައި ކުރެވޭ ތަފާތު ކަންކަމުން އާމްދަނީ ހޯދައެވެ. ފިރިމީހާ އާއި އެކުގައި އެކަނި ބޭރަށް ކޮންމެ ފަހަރަކު ނުދެވުނަސް އާއިލާ އާއި ރައްޓެހިންގެ އެހީގައި މަދުން ނަމަވެސް އެކަހަަލަ ފުރުސަތު ހޯދާށެވެ. މައްސަލަ ޖެހޭ މިންވަރު މަދުވާނެއެވެ. ދަރިފުޅަށް ބަނޑުބޮނޑުވީކަން އެނގުމުން ހާސް ކަމެއްގައި ނުތިބެ ކަންކަން ހޯދާ ދެނެގަންނާށެވެ. ދަރިން ބެލުމަށް ހޭދަވާ ޚަރަދުތަކާއި އާމްދަނީ އިތުރަށް ހޯދޭނެ ގޮތްތަކެވެ. ދަރިފުޅު ގޮވައިގެން ބޮޑުކުލީގައި އުޅުން ނޫންގޮތެއް އޮތްތޯ ވެސް ވިސްނަންވާނެއެވެ. އެކަކު އަނެކަަކަށް ވަގުތު ދިނުމުގައި ކަންކަން ރޭވިދާނެ ގޮތްތައް ދެމީހުން މަޝްވަރާ ނުކުރި ކަމުގައިވިޔަސް ގޭތެރޭގައިވެސް އެކަކު އަނެކަކު އުފާވާ ފަދަ ކަންކަން ކުރެވިދާނެއެވެ. ބޭރަށް ދާނެ ވަކި ދުވަހެއް ދުރާލާ ކަނޑައެޅިދާނެއެވެ. ދުރާލާ ކަންކަމަށް ކުދި ބަޖެޓް ރާވާ ތައްޔާރު ކުރެވިދާނެއެވެ. އެހެން މީހުނާ ކަންކަން ހިއްސާކޮށް މީހުންގެ ހިޔާލު ހޯދާށެވެ. އޭރުން ދަރިން ލިބުނަކަސް ހާސްވެ ކަންބޮޑުވެގެން ކައިވެންޏަށް އަސަރު ކުރާތަނެއް ނުފެންނާނެއެވެ. ބައެއް ފަހަރު ދަރިފުޅު ގޮވައިގެން ބޭރަށް ނިކުމެލާ ހަދާށެވެ. އޭރުން މޫނުމަތީގައި ހުންނަ މާޔޫސްކަމަށް ލުޔެއް ލިބިދާނެއެވެ.