ސާފް ޗެމްޕިއަންޝިޕް 2021 ގައި ޤައުމީ ފުޓްބޯޅަ މޮޅުވާ ކޮންމެ މެޗަކަށް، ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅިވެފައިވަނީ މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޤައުމީ ޓީމާ މުޚާތަބްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށްކަމުގައި ހާމަކުރައްވާފައެވެ. އަދި، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޤައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ޤައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައި ވިދާޅުވެފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.