ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ނޭޕާލް ރޭ ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ ޓީވީއެމްގެ މެޗް އެނަލިސްޓެއްގެ ގޮތުގައި ގަލޮޅު ދަނޑުގައި އިނދެ ދިވެހި ޓީމުގެ ކުޅުމާ ގުޅޭ ގޮތުން ބުންޏެވެ. "ރާއްޖޭގެ މެދުތެރެއަށް ކުޅެމުންދާ ކުޅުންތެރިން މިހާރަށް ވުރެ ބޮޑަށް މެޗުގެ ތެރެއަށް ވަންނަން އެބަޖެހޭ" ފުރަތަމަ ހާފްގައި ގައުމީ ޓީމުން ދެއްކި ކުޅުމާ ގުޅޭ ގޮތުން ރަން ކެޕްޓަން އައްސަދު ބުންޏެވެ.

ދެވަނަ ހާފުން ފަނަރަވަރަކަށް މިނެޓް ކުޅުން ހިނގިތަނާ ހެން އަނެއްކާވެސް އައްސަދު ބުންޏެވެ. "ފުރަތަމަ ހާފާއި ހިލާފަށް ނޭޕާލުން މިހާރު ކުޅެމުން އެދަނީ ކުރިއަށް ކޮށްޕާލައިގެން. އެމީހުން ރާއްޖޭގެ އޭރިޔާގެ ތެރެއަށް ރަނގަޅު ތިން ހުރަހެއްވެސް ނަގައިފި. ނޭޕާލުން މިގޮތަށް އުފައްދާ އެންމެ ހަމަލާއަކުންވެސް ލަނޑެއް ޖެހުން ކައިރި. ނޭޕާލްގެ ގޭމް ހުއްޓުވުމަށް ރާއްޖޭގެ މެދުތެރެއިން ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ" ރާއްޖެއިން ދައްކަމުން ދިޔަ ކުޅުމާމެދު ކަންބޮޑުވެ ހުރެ އައްސަދު ބުންޏެވެ.

ރާއްޖޭއިން ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ތަނަވަސްކުރިނަމަވެސް، ކުރިއަށް ކުޅެމުންދިޔަ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕް) އަދި ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ)އަށް އެންމެ އެކަށީގެންވާ ގޮތެއްގައި މެދުތެރެއިން ބޯޅަތައް ލިބިފައެއް ނުވެއެވެ. ދެވަނަ ހާފް ހާފުގައި ދަގަނޑޭ މޭން މާކް ކޮށްގެން ނޭޕާލުން ކުޅެން ފެށުމާއެކު ރާއްޖޭގެ ހަމަލާތައް މުޅިން ހުއްޓުނެވެ. ތިން އަހަރު ވަންދެން ގައުމީ ޓީމަށް ވާދަވެރި މެޗެއް ކުޅެ ނުދީ ހުރި އަސްހަދު އަލީ (އަޑުބަރޭ) ލީޑް ކުރަމުންދިޔަ ރާއްޖޭ ގައުމީ ޓީމުގެ މެދުތެރެއިން ފެންނަމުންދިޔައީ، މިދިޔަ ދެތިން އަހަރު ގައުމީ ޓީމުގެ މެދުތެރެއިން ފެނުނު އަވަސް ކުޅުމުގެ ބަދަލުގައި ވަރަށް ލަސް ކުޅުމެކެވެ. މިސީޒަނުގައި ކްލަބު ލެވެލްގައި އެންމެ ހަތަރު މެޗް ކުޅެދީފައި ހުރި އަޑުބަރޭގެ ފަރާތުން ނުރައްކާތެރި ދެފައުލް ނޭޕާލް ކުޅުންތެރިންނަށް އަމާޒުވިއިރު އެއްފައުލަށް ރީނދޫ ކާޑްވެސް ދެއްކިއެވެ.

އަސްހަދު އަލީ (އަޑުބަރޭ). ރޭ ގައުމީ ޓިމަށް ކުޅުނީ ވާދަވެރި މެޗެއް ނުކުޅެ 3 އަހަރު ހުރުމަށްފަހު.

ނޭޕާލްގެ ކުޅުން ހުއްޓުވުމަށްޓަކައި ރާއްޖޭއިން މެޗް ނިމެން ފަނަރަ ވަރަކަށް މިނެޓަށްވެފައި ވަނިކޮށް އަޑުބަރޭ އާއި އައިޝަމްގެ ބަދަލުގައި އިސްމާއިލް އީސާ އާއި މުހައްމަދު އުމައިރު ކުޅެން އެރުވިއެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމަށް ޓީމުގެ އެޓޭކްތަކުގައި މުހިއްމު ދައުރެއް އަދާކުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހަސަން ނާއިޒް (ދާދު) ވެސް ވަނީ ކުޅެން އަރުވާފައެވެ. އެކަމަކު ހުސައިން ނިހާން (ނިހާޓް) ކުޅެން އަރުވާފައެއް ނުވެއެވެ. ރާއްޖެއަށް މެޗު ތެރެއަށް ނުވަދެވި އުޅެނިކޮށް ދެއަރިމަތިން ތްރޫ ބޯޅަތަކެއް ކުރިއަށް ލައިގެން ކުޅެމުންދިޔަ ނޭޕާލުން 86 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ރާއްޖެ ޕްރެޝަރަށް ވައްޓާލިއެވެ. ދެވަނަ ހާފުގައި ނޭޕާލުން ކުޅެން އެރުވި މަނީޝް މިލަނޑު ޖެހީ ރާއްޖޭގެ ތިން ޑިފެންޑަރުން ކައިރިން ސަލާމަތްވެ އޭރިޔާގެ ތެރެއަށްވަދެ އަރިމަތީ ކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ.

ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށްފަހު ނޭޕާލްގެ މަނީޝް އުފަލުން ދުއްވައިގަންނަނީ.

މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރިހުގައި ނޭޕާލް އަތުން ރާއްޖެ މިހާތަނަށް ބަލިވެފައި ނުވާއިރު ނޭޕާލް އަތުން ރާއްޖެ އެންމެފަހުން ބަލިވެފައި ވަނީ 1984 ވަނަ އަހަރުގެ ސާފް ގޭމްސްގައެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދާ ދެގައުމަށް ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލުން ޖާގަ ހޯދުމަށްޓަކައި ކުރިއަށް އޮތް ތިން މެޗް ކާމިޔާބު ކުރުން ރާއްޖެއަށް މިހާރު މިވަނީ މަޖުބޫރުވެފައެވެ. ރާއްޖެއަށް ދެން ކުރިއަށް އޮތީ މިމަހުގެ 7 ވަނަ ދުވަހު ބަންގްލަދޭޝްއާ ކުޅެން ޖެހޭ މެޗާއި 10 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅެންޖެހޭ މެޗާއި 13 ވަނަ ދުވަހު ވަރުގަދަ އިންޑިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.