އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ ފާމަސީ ހިންގަން އެސްޓީއޯއާ ހަވާލު ކުރުމުމަށް އެ ހޮސްޕިޓަލުން ނިންމަވައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ފާމަސީ ހިންގުން އެސްޓީއޯއާ ހަވާލު ކުރުމުގެ މަޝްވަރާތައް އެސްޓީއޯއާއި ރައީސް އޮފީހާ ދެމެދު ދަނީ ކުރައްވަމުންނެވެ.

މިމަހުގެ 27 ދުވަހުން ފެށިގެން އޭއީއެޗު ހިނގަމުން ގެންދަނީ ސީދާ ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުންނެވެ.

އެ ފާމަސީއަށް ބޭނުންވާ ބޭހާއި އެހެނިގެން ސާމާނު މިހާރު ވެސް ފޯރުކޮށްދެއްވަމުން ގެންދަވަނީ އެސްޓީއޯއިންނެވެ. އެހެން ކަމުން އެސްޓީއޯއަށް އެތަން ދިނުމުން ހިންގަން ފަސޭހަވާނެ ކަމަށް ބެލެވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ވަނީ ޓެންޑަރ ބޯޑަށް ވެސް ހުށަހަޅުއްވައިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ތަން އެސްޓީއޯއާ ޙަވާލު ކުރުމަށްޓަކައި ކުރަންޖެހޭ ލީގަލް މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އޭއީއެޗުގެ ފާމަސީ އެސްޓީއޯއާ ހަވާލު ކުރައްވަނީ މާލިއްޔަތު ގާނޫނާ ޚިލާފަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެފަރާތްތަކުން ބުނަނީ އެސްޓީއޯއަށްވުރެ ރަނގަޅަށް އެ ބޭސްފިހާރަ ހިންގޭނެ ފަރާތްތައް އައްޑޫ ސިޓީގައި އެބަތިބި ކަމަށެވެ.

އެތަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތަކަށް އެތަނުން ބޭސް ވެސް ނުލިބެއެވެ.