މިމަހު 24 ގައި ހުޅުމާލޭގައި މުޙައްމަދު ގާސިމް ޕްރީސުކޫލު ހުޅުވާނެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާނުކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކޮށްފައިވާ އިއުލާނުގައި ވަނީ މިހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެސުކޫލަށް ވަންނަން އެދޭކުދިންގެ ފޯމު ހުށަ ހެޅުމަށެވެ.

މި ސުލޫލަށް ވަންނަން އެދޭކުދިންގެ ފޯމު ފުރަންޖެހެނީ، މާލޭގެ އެހެން ސުކޫލު ތަކަށް ކުދިންވަންނަން އެދޭ އުސޫލާއި އެއްގޮތަށް އޮންލައިން ކޮށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިއުލާނުގައިވާގޮތުން މިސުކޫލުގައި ކިޔަވައިދޭން ހމަޖެހިފައިވަނީ އެލްކޭޖީ އަދި ޔޫކޭޖީ އަށެވެ. އަދި ސުކޫލުގެ ދަންފަޅިތައް ބެހުމަށް ހަމަޖެހިފައިވަނީ ސުކޫލަށް ކުދިން ވަންނަ އަދަދަށް ބަލާފައެވެ.

މުޙައްމަދު ގާސިމް ޕްރީސުކޫލަށް ވަންނަ ކުދިންނަށް މިއަހަރުގެ ނިޔަލަށް މިހާރު އެކުދިން އުޅޭ ސުކޫލުގެ ޔުނީފޯމުވެސް ލެވިދާނެއެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، އައު ސުކޫލުގެ ޔުނިފޯމުވެސް ލެވިދާނެއެވެ.

މި ޕްރީސުކޫލަކީ ހުޅުމާލެ ފޭސް އެކެއްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށް މީގެ ތިން އަހަރު ކުރިން އެޗްޑީސީއާއި ހަވާލުކޮށްފައިވާ އިމާރާތެކެވެ.

2018 ވަނަ އަހަރު މި ސުކޫލު ބޭނުންކުރީ ކެންޕެއިން ޖަގަހައެއްގެ ގޮތުގައެވެ. އަދި ކޮވިޑް 19 ބަލިމަޑުކަން ފެށުމާއެކު މި ސުކޫލު އިމާރާތުގައި ފުލޫ ކުލިނިކު ހިންގިއެވެ.

މި ސުކޫލު މިމަހު 24 ގައި ހުޅުވުމަށްޓަކައި މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ވަރަށްގިނަ މަރާމާތުތަކެއް ކުރަމުން އެބަގެންދެއެވެ.