މުވައްޒަފުންގެ މުސާރަ މިރޭ ޖަމާވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވީ މުވައްޒަފުންގެ މައުލޫމާތުތައް އާ ސިސްޓަމަކަށް އަޅާތީ ކަމަށެވެ. އަދި މިދިޔަ މަހު މުވައްޒަފުންނަށް ޑަބަލްކޮށް ވެސް މުސާރަ ދެވުނު ކަމަށާއި އެހެންވެ އެކަން ދެން ތަކުރާރު ނުވާނެގޮތަށް ކަންތައްތައް ބައްޓަން ކުރަމުން އަންނަކަމަށެވެ.

މީގެ ކުރިން މުސާރަތައް ހަދަމުން ދިޔައީ އެކްސެލްޝީޓެއް މެދުވެރިކޮށް ކަމަށާއި ނަމަވެސް އަތޮޅުތެރޭގެ މުވައްޒަފުން މިހާރު ވަނީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ފަށާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެންވެ އެ ޕޯޓަލްގައި ރަޖިސްޓްރީކޮށް ޑޭޓާތައް އެޅުމުގައި ލަސްވާތީ މުސާރަ ޖަމާ ކުރުން ލަސްވީ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މުސާރަ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މުސާރަ ނުލިބޭ ހުރިހާ މުވައްޒަފުންނަށް މިރޭގެ ނިޔަލަށް މުސާރަ ލިބޭނެ ކަމަށެވެ.

މި އޮކްޓޯބަރު މަހުގެ އައި އިރު، އަތޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިނުވާތީ، އެކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ މަސް ފެށުމުގެ ކުރިން އާންމުގޮތެއްގައި ޖަމާ ކުރެ އެވެ.