މާލޭގައި މިމަހު 1 އިން 16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ސްރީލަންކާއާ ދެކޮޅަށް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެންކަމަށާއި ބޭނުންވަނީ ކުޑަ ތަފާތަކުންވިޔަސް މޮޅުވެ ތިން ޕޮއިންޓް ހޯދުން ކަމަށް ނޭޕާލްގެ ކޯޗް ކުވައިތުގެ އަބްދުﷲ އަލް މުތައިރީ ބުނެފިއެވެ.

މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން މުތައިރީ ބުނީ ފުރަތަމަ މެޗުގައި ރާއްޖެ އަތުން ލިބުނު 3 ޕޮއިންޓުގެ ހަގީގީ ބޭނުން ހިފޭނީ މާދަމާ ރޭ ލަންކާ ބަލިކޮށްގެން ކަމަށެވެ. "ލަންކާއާ ދެކޮޅަށް ކުޅެން މިޖެހެނީ ފައިނަލެއް. ލަންކާ ބަލި ނުކުރެވިއްޖެނަމަ، އެންމެފަހުގެ ޗެމްޕިއަން ދިވެހިރާއްޖެ އަތުން ހޯދުނު ތިން ޕޮއިންޓުގެ ބޭނުމެއް ނެތް. އަހަރެން ބޭނުމެއް ނޫން ކޮންމެހެން ބޮޑު ތަފާތަކުން މެޗް ކާމިޔާބު ކުރާކަށްވެސް. އެއްލަނޑުގެ ތަފާތެއްވެސް އަހަންނަށް ފުދޭ. ބޭނުން ވަނީ ތިން ޕޮއިންޓް ހޯދުން. މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުނަސް އިސްކަންދޭނީ ޑިފެންސް ކުރަން. އިތުރު ލަނޑެއް ޖެހުމަށް އެޓޭކް ވަރުގަދަ ކުރުމުގެ ބަދަލުގައި އަހަރެން އިސްކަންދޭނީ ލަންކާއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓަން" މުތައިރީ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލު ވުމުގައި މުތައިރީ ވަނީ ލަންކާއިން ކުޅޭ ވަރުގަދަ ފިޒިކަލް ގޭމުން ފައިދާ ނެގުމަށް ވިސްނައިގެން ހުރި މޭރުމަކުންވެސް ވާހަކަ ދައްކާފައެވެ. "ބަންގްލަދޭޝް މެޗުގައި ލަންކާއިން 67 ޓެކްލާއި 23 ފައުލް ކުރި. ކުޅުންތެރިންގެ ބޮލާއި ހިސާބުންވެސް ޓެކްލްތައް ކޮށްފައި އެބަހުރި. މާދަމާ ރޭ ލަންކާގެ ޓެކްލްތަކަށް އަހަރެން އިންތިޒާރު ކުރާނަން" މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާއިން ކުޅުނު ކުޅުމަށް އިޝާރާތްކޮށް، ލަންކާ ކުޅުންތެރިންނަށް ގިނަ ކާޑްތަކެއް ދައްކާނެކަމަށް އުއްމީދުކޮށްގެން ހުރި މޭރުމަކުން މުތައިރީ ބުންޏެވެ.

ނޭޕާލާ ދެކޮޅަށް މާދަމާ ރޭ ލަންކާ ކުޅެން ޖެހޭއިރު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 1-0 އިން ލަންކާ ވަނީ ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިޔުމަށްޓަކައި ނޭޕާލް ބަލިކުރުން ލަންކާއަށް މަޖުބޫރެވެ.