އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ލަންކާ އަތުން ބަންގްލަދޭޝް މޮޅުވީ "ޖޯކް" ޕެނަލްޓީއެއް ލިބިގެން ކަމަށް އިންޑިޔާގެ ކޯޗް ކްރޭޝިޔާގެ ތަޖުރިބާކާރު ކޯޗް އީގޯ ސްޓިމަކް، މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބުނުމާއި ގުޅިގެން، ސްޓިމަކާއި ބަންގްލަދޭޝްގެ ކޯޗް އޮސްކާ ބްރުޒޮންއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ބުނީ ލަންކާ މެޗުގައި ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއަކީ އިންސާފުން ލިބުނު ޕެނަލްޓީއެއް ނޫން ކަމަށާއި ލަންކާ ޑިފެންޑަރު އަތުގައި އެބޯޅަ ޖެހުނީ އޭރިޔާގެ ބޭރުން ކަމަށެވެ. ސްޓިމަކުގެ މިވާހަކަތަކާމެދު ހިތްހަމަ ނުޖެހި އެއަށް ރައްދު ދެމުން އޮސްކާ ބުނީ އެމެޗުގައި ޝާމިލްނުވާ ޓީމެއްގެ ކޯޗަކު މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށެވެ. އޮސްކާ ބުނީ ސްޓިމަކް އިންޑިޔާ ގައުމީ ޓީމާ ހަވާލުވިފަހުން އެގައުމުގެ ފުޓްބޯޅައިގެ ކުރިއެރުން ހުއްޓިފައިވާ ކަމަށެވެ.

ބަންގްލަދޭޝް ގައުމީ ޓީމަށް އެގައުމުގެ ލީގް ޗެމްޕިއަން ބަޝަންދުރަ ކިންގްސްއިން ގިނަ ކުޅުންތެރިންތަކެއް ނަގާފައިވާތީ އެކަމާ ގުޅޭ ގޮތުންވެސް ސްޓިމަކް ވަނީ ވާހަކަ ދައްކާފައެވެ. ބަޝަންދުރަ ކިންގަކީ ނިމިދިޔަ ސީޒަނާއި މިސީޒަނުގައި އޮސްކާ އިރުޝާދު ދެމުން އަންނަ ކްލަބެވެ. ބަންގްލަދޭޝް ގައުމީ ޓީމު އޭނާއާ ހަވާލު ކުރީ ސާފް ޗެމްޕިއަންޝިޕް ކައިރިވެފައި ވަނިކޮށެވެ.

ބަޝަންދުރަ ކިންގްސްއިން ވަނީ މިދިޔަ މަހު އޭއެފްސީ ކަޕުގައި އޮސްކާގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ރާއްޖެ އާއި އިންޑިޔާގެ ކްލަބުތަކާ ދެކޮޅަށް ނެރެފައިކަން ފާހަގަ ކޮށްލެވެއެވެ. މިވާހަކަތަކަށް ރައްދުދެމުން އޮސްކާ ބުނީ ސްޓިމަކް މަސައްކަތް ކުރަނީ ބަންގްލަދޭޝް ކުޅުންތެރިންގެ ފޯކަސް ގެއްލުވާލަން ކަމަށާއި އޭގެ ބަދަލުގައި އިންޑިޔާގެ ފުޓްބޯޅަ ކުރިއެރުވުމަށް ސްޓިމަކް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. "ބަންގްލަދޭޝް ޓީމު މިއޮތީ ވަރަށް ހަމަޖެހިލައިގެން. އަހަންނަށް ފެންނަ ގޮތުގައި މިފަހަރު އެންމެ ވަރުގަދަ ކުޅުމެއް ދެއްކީ ބަންގްލަދޭޝްއިން" ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓުގައިވެސް މަސައްކަތް ކުރި އޮސްކާ ބުންޏެވެ.

ސްޓިމަކުގެ އިރުޝާދުގެ ދަށުން މިދިޔަ ދެއަހަރު ތެރޭގައި އިންޑިޔާއިން ވަނީ ދެފަހަރެއްގެ މަތިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފައެވެ. ވޯލްޑް ކަޕާއި އޭޝިޔަން ކަޕް ކޮލިފައިންގައި ކުޅުނު މިދެމެޗުގެ ތެރެއިން ފުރަތަމަ މެޗް އިންޑިޔާގައި ކުޅެ 1-1 އިން އެއްވަރުވީއެވެ. އެކަމަކު ދެވަނަ މެޗް ގަތަރުގައި ކުޅެ 2-0 އިން އިންޑިޔާއިން ކާމިޔާބު ކުރިއެވެ.

ސްޓިމަކް ބުނީ މުބާރާތުގައި ބަންގްލަދޭޝްއިން މެޗެއް ކުޅެފައި އޮތުމަކީ މިމެޗަށް ނުކުންނައިރު އެގައުމަށް އެޑްވާންޓޭޖްތަކެއް ނެނގޭނެ ކަމެއް ކަމަށެވެ. "އަހަރެމެންނަށްވުރެ ކުރިން އެމީހުން (ބަންގްލަދޭޝްއިން) މިއޮތީ މެޗެއް ކުޅެފައި. މިއީ ވަކިގޮތަކަށް ނަތީޖާ އަނބުރާލުމަށް އެމީހުންނަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް" ސްޓިމަކް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލު ވުމުގައި ސްޓިމަކް ވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ދޫނުދީ އިންޑިޔާގެ ސަޕޯޓަރުންވެސް ދަނޑަށް ވަނުމަށް އެދޭ ކަމަށް ބުނެފައެވެ.

މިމެޗް ފަށާނީ މާދަމާ ހަވީރު 3:45 ގައެވެ.