ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމުމުގައި އެއްވެސް ވަރެއްގެ ބައިވެރިވުމެއްވެސް އަދި ނުފޫޒެއްވެސް ފޯރުވާފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ އޮފިސަރުން މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، އިމްރާންއާ ސުވާލު ކުރުމަށް އެޑިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެެވެ.ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރަކު މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމަވާފައިވާ ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު ނިންމަވާފައިވާ ނިންމުމެއްތޯ ޝިޔާމް އެއްސެވި އެވެ. އަދި އެ ހަތް އޮފިސަރުންގެ މައްސަލަ ބަލައި ވަކި ކުރަން ނިންމި ނިންމުމުގައި ކިހާވަރެއްގެ ސިޔާސީ ނުފޫޒެއް އޮތްތޯ ސުވާލު ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން އޮފިސަރުން ވަކިކުރަން ނިންމާ ނިންމުމުގައި މިނިސްޓަރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
"އެހެން ކަމުން އެ މަސައްކަތް (ފުލުހުން ވަކިކުރަން ނިންމުމުގެ މަސައްކަތް) ހިނގަމުންދިޔައިރުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ހިމެނިފައިނުވާކަމަށް ދަންނަވަން. އަދި އެ މަސައްކަތް ނިންމެވުމަށްފަހުގައި އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑާ ހިއްސާ ކުރައްވާފައިނުވާކަންވެސް ދަންނަވަން. އެ ބޭފުޅުން އެކަން ކުރައްވާފައި އެވަނީ ގާނޫނުގައި މިނިސްޓަރު ދައުރެއް އެކަމުގައި ހިމެނިފައިނުވާތީ،" އިމްރާން ވިދާޅުވި އެވެ.