ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ 60 ފޫޓުގެ އެ ސަޕްލައި ދޯނި ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދޯނީގައި ތިބި ފަސް މީހުން ނުފެންނަ ކަމަށް 08:41 ގައި އެމްއެންޑީއެފް އިން މީޑިއާއަށް މައުލޫމާތު ދިން ނަމަވެސް 08:45 ގައި ވަނީ ދޯނިން ދަތުރުކުރި ފަސް މީހުން ވެސް ފެނިފައިވާ ކަމަށް ބުނެފައެވެ.

އެ ފަސް މީހުން މިހާރު ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.