އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް 28 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

މައްސަލައިގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކަށް ވަދެވުމަކީ މުޅި ގައުމުގެ ސެކިޔުރިޓީ އާ މެދު ސުވާލު އުފެދޭ ބިރުވެރި ކަމެއް ކަމަށެވެ.

މޫސާ ސިރާޖު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރުވެސް ގެންދަވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް 6 މެއި ގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ކަމަށާއި, ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ހަމަލާ ދެވިފައިވަނީ ސެކިއުރިޓީ ބްރީޗްވެގެން ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭކަމެއް ކަމަށް އެ މައްސަލާގައި ވެއެވެ.

އެހެންކަމުން، އެ ހާދިސާ ސީރިއަސްކޮށް ތަހުގީގުކުރަން އެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލައިފަ އެވެ.