ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ޓިކެޓްތައް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވިއިރު، ޓިކެޓް ވިއްކާފައިވާނީ ޓިކެޓް ވިއްކުމަށް ސާކުގެ އެހެން ގައުމުތަކާއެކު ވެވުނު އެއްބަސްވުމުގައިވާ ގޮތަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ ބުނެފިއެވެ.

އެފްއޭއެމް އިން މިފަހަރު ކޮންމެ މެޗަކަށް ވިއްކުމަށް ކަނޑައަޅާފައި ވަނީ 5000 ޓިކެޓެވެ. މިއަދު މެންދުރެއްހާއިރު ޓިކެޓް ވިއްކަން ފެށުމާއެކު، ކުރިންވެސް ބެލެވިފައިވާ ގޮތަށް ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އެތައް ސަތޭކަ މަސައްކަތްތެރިންނެއް ވަނީ ޓިކެޓް ހޯދުމަށް ގަލޮޅު ދަނޑުގައި ޓިކެޓް ވިއްކަމުންދިޔަ ކައުންޓަރު ކައިރިއަށް ޖަމާވެފައެވެ. އެކަމަކު ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް (ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތަށް) ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކާފައި ވަނީ 200 ޓިކެޓެވެ.

ޓިކެޓްތައް ވިކެމުންދިޔަ ބާރު މިނުގެ ސަބަބުން އެފްއޭއެމްއިން ވަނީ، ދިވެހިންނަށް ވިއްކާ ޓިކެޓުގައި ބިދޭސީންނަށް ނުވަދެވޭނެކަން ސޯޝިއަލް މީޑިޔާ މެދުވެރިކޮށް ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ސަމާލުމަށް މެންދުރު ފަހުގެ ވަގުތެއްގައި ގެނެސްފައެވެ. މިއާއެކު ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ޓިކެޓް ވިއްކަމުންދިޔަ ސަރަހައްދުގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ.

މިއަދުގެ މެންދުރުފަސް ވެގެންދިޔައިރު މިމެޗުގެ ޓިކެޓުގެ އަގު ކަޅު ބާޒާރުގައި ހުރީ 1500-2000 ރުފިޔާއާ ދެމެދުގައެވެ. އެފްއޭއެމްއިން ސިޑިބަރީގެ ޓިކެޓެއް ވިއްކީ 75 ރުފިޔާއަށެވެ. އަދި އަދި ގޮނޑި ބަރީގެ ޓިކެޓެއް ވިއްކާފައި ވަނީ 100 ރުފިޔާއަށެވެ.

މުބާރާތުގައި މިހާތަނަށް ދެމެޗް ކުޅެ 4 ޕޮއިންޓާއެކު ތާވަލުގެ 2 ވަނަ މަގާމުގައި އޮތް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިގެން ނޫން ގޮތަކަށް ދިވެހި ގައުމީ ޓީމަށް މުބާރާތުގައި ކުރިޔަށް ދެވޭކަށް ނެތެވެ. ރާއްޖެއިން މުބާރާތުގައި މިހާތަނަށް ކުޅެފައި ވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗް އެކަންޏެވެ. އެމެޗުން ރާއްޖެ ބަލިވީ 1-0 އިންނެވެ.

ރާއްޖެ އާއި ބަންގްލަދޭޝް މީގެ ތިން އަހަރެއްހައި ދުވަސް ކުރިން ގަލޮޅު ދަނޑުގައި ބައްދަލުކުރި އެކުވެރިކަމުގެ މެޗަކަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ވަދެ އެގައުމަށް ދިން ވަރުގަދަ ސަޕޯޓުގެ ސަބަބުން މެޗުގެ ކުރީކޮޅު ރާއްޖޭ ގައުމީ ޓީމު ޕްރެޝަރަށް ވެއްޓުނެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.