ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ތިން މީހެއް ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:28ގައި އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ވޯކްވޭ ފެންސް ފޫއަޅުވާލައި ވޯކްވޭ މައްޗަށް އަރައިގެން އެތަނުން ހިނގާފައި ދިޔަ ބައެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓިގައި ތިން މީހަކަށް އަނިޔާ ވެ އެއާޕޯޓުގައި ހުންނަ މެޑިކަލް ޕޮއިންޓުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.