މިސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފޯވާޑް ލައިން ވަރުގަދަ ކަމަށާއި އެކަމަކު ރާއްޖޭގެ ޑިފެންސް ލައިން ފެންނަނީ އާދައިގެކޮށް ކަމަށް ވާދަވެރި ބަންގްލަދޭޝްގެ ކޯޗް އޮސްކާ ބްރުޒޮން ބުނެފިއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގެ ލީގް ބުރުގައި މިރޭ ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން އޮސްކާ ބުނީ ރާއްޖޭގެ ފޯވާޑް ލައިން ލީޑް ކުރަން ތިބި ހަތަރު ކުޅުންތެރިންނަކީ ޓެކްނިކަލީ އަދި އިންޑިވިޖުއަލީ އިންޑިޔާ އާއި ނޭޕާލްގައި ތިބި ކުޅުންތެރިންނަށް ވުރެ ހުނަރުވެރި ކުޅުންތެރިން ކަމަށެވެ. "ސަރަހައްދުގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ ރާއްޖޭގައި. ރާއްޖޭގެ ކުޅުންތެރިން ހަލުވިވެފައި ޓެކްނިކަލީ މޮޅު އެހެން ގައުމުތަކުގައި އެމަގާމުތަކަށް ކުޅެންތިބި ކުޅުންތެރިންނަށްވުރެ. އަހަރެން ރާއްޖޭގެ ފުޓްބޯޅައާ ގަޔާވާ އެއްސަބަބަކީވެސް ރާއްޖެއިން އެޓޭކިންގ ފުޓްބޯޅައަށް އިސްކަންދޭތީ" ނިއުރޭޑިއަންޓުގައި ކާމިޔާބު ސީޒަނެއް ހޭދަކުރި އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ރާއްޖޭގެ އެޓޭކިންގ ވަރުގަދަ ނަމަވެސް، މިރޭ ރާއްޖެއަތުން ރަނގަޅު ނަތީޖާއެއް ނެރުމަށް އޭނާ އަތުގައި ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ. "ރާއްޖެއަކީ އެންމެ ރަނގަޅު ޑިފެންސް އޮތް ގައުމެއް ނޫން މިމުބާރާތުގައި. މިއީ އަހަރެމެންގެ ފޯވާޑުންނަށް ލަނޑު ޖަހަން ފަށައިގަންނަން ރަނގަޅު މެޗަކަށް ވެދާނެ. މިމުބާރާތުގައި އެންމެ ވަރުގަދަ ޓީމެއް ގޮތުގައި ފެންނަން އޮތީ ބަންގްލަދޭޝް" ބަންގްލަދޭޝްގެ މޮޅު ވާހަކަ މީގެ ކުރީގެ ޕްރެސްތަކުގައި އާންމުކޮށް ދައްކާ އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ އެންމެފަހުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ބަންގްލަދޭޝްގެ ބަށަންދުރަ ކިންގްސް ގޮވައިގެން ނިކުމެވެސް މާޒިޔާގެ ޑިފެންސް ބަލިކަށި ކަމުގެ ވާހަކަ ދައްކާފައެވެ. އެމެޗުގައި އޮސްކާގެ އިރުޝާދުގެ ދަށުން ބަށަންދުރަ ކިންގްސްއިން ވަނީ މާޒިޔާ ބަލިވެސް ކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަތުން ބަންގްލަދޭޝް އެންމެފަހުން މޮޅުވީ 2003 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ. އޭގެފަހުން ރާއްޖެ އާއި ބަންގްލަދޭޝް 3 ފަހަރު ބައްދަލު ކޮށްފައިވާއިރު 3 މެޗުންވެސް މޮޅުވީ ރާއްޖެއެވެ. މިތިން މެޗުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް ކޮޅަށް 11 ލަނޑު ކާމިޔާބު ކޮށްފައެވެ. މިތިން މެޗުގައި ރާއްޖެ ކޮޅަށް ވަދެފައި ވަނީ އެންމެ 2 ލަނޑެވެ.

ރާއްޖެ އާއި ބަންގަލަދޭޝް ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން 21:00 ގައި ގަލޮޅު ދަނޑުގައެވެ.