އައްޑޫ ސިޓީއަށާއި އެސިޓީގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ލިބި ވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕަވަނީ ވަރަށް އުފަލާއި އުންމީދާއެކުގައި ކަމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕްލޭނިން މިނިސްޓްރީން އައްޑޫގައި ހިންގަވާ ތަރައްގީގެ މަސައްކަތްތައް ބަލަހައްޓަވާނެ ޚާއްސަ ބޭފުޅާގެ ގޮތުގައި އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސޯބެ އައްޔަން ކުރެއްވުމުންނެވެ.
"އައްޑޫ ސިޓީގައި މި މިނިސްޓްރީގެ ފަރާތުން ހިންގަވާ ތަރައްގީގެ މަޝްރޫއުތައް ބަލަހައްޓަވަން ޚާއްސަ މީހަކު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހަމަޖެއްސެވުމުން ދޭހަކޮށްދެނީ އައްޑޫގެ ތަރައްގީއަށް އެމަނިކުފާނު ދެއްވާ ޚާއްސަކަން. އެ ކަމަށް އަޅުގަނޑު ހަމަޖެއްސެވުމުން އެކަމަށް އުފާ ކުރަން. އައްޑޫ ސިޓީ ކައުންސިލާ ގުޅީގެން، ގާނޫނު ތަކާ ޚިލާފު ނުވާގޮތަށް އަޅުގަނޑާ ހަވާލު ކުރެއްވި މަސްއޫލިއްޔަތު ވީހާ ވެސް ރަނގަޅަށް އަދާ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އިރާދަ ކުރެއްވިއްޔާ،" ސޯބެ ވިދާޅުވިއެވެ.
ސޯބެ އަކީ ތިން ދައުރުގެ މަތީން 9 އަހަރު އައްޑޫ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އައްޑޫ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ހެޔޮލަފާ ބޭފުޅެކެވެ. އެހެން ކަމުން އައްޑޫގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ރޭވިފައިވާ ކަންކަމާއި ރާވަމުންދާ ކަންކަން ސޯބެ ހިތުދަސް ވާނެއެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް ރޭވިފައިވާ ބޮޑެތިކަންކަމުގެ ތެރެއިން އެ ވޯޑު ކުރެވިފައިވަނީ ދެކަމެކެވެ. އެއީ ބިންހިއްކުމާއި މަގު ހެދުމުގެ މަސައްކަތެވެ. ބާކީހުރި ކަންކަންވެސް އެވޯޑު ކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތް ކުރައްވަވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. މިހުރިހާ މަސައްކަތެއް ވެސް ކުރައްވާނީ ސިޓީކައުންސިލާ ގުޅިވަޑައިގެން ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.
އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ނިސްބަތް ލަސްކަމުން އައްޑޫގެ ބައެއް ރައްޔިތުން ގެންދަނީ ފާޑުކިޔަމުންނެވެ. ސޯބެ ވިދާޅުވީ އައްޑޫ ރައްޔިތުންގެ އެފަދަ ހުރިހާ އިހުސާސެއް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އުންމީދާއި އެއްވަރަށް ޚިދުމަތް އަވަސްކޮށްދެއްވައި ކުރިއަށް ގެންދަވަން ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.