ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ އޮންނަންޖެހޭ ހައްގެއް ކަމަށާއި، ނަމަވެސް އެކަމަށްވެސް ވަކި ހައްދެއް އޮންނާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެއްވެސް ބެލުމެއްނެތި އަދި ބޭނުމެއްނެތް ގޮތުގައި މީހުންނާއި މުޖުތަމައުތަކަށް ހިތާމަ ދިނުމަކީ ކުރެވިގެންވާނޭ ކަމެއް ނޫން ކަމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ފަރަންސޭސި މަޖައްލާއިން ކަންކުރާ ބީދައިން، ކާޓޫނު ކުރަހައި ދީނަށް ފުރައްސާރަކުރުމަކީ ލިބިގެންވާ ހައްގެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކެނެޑާއިން އަބަދުވެސް ދިފާއުކުރާނެ ކަމަށެވެ.

އެހެން ނަމަވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ހައްދެއްނެތް މިންވަރަށް ނޫންކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.

އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ، މިއީ ހުރިހާ އެންމެންވެސް އުޅެންއޮތް ތަންކަން ދަނެގެން އެހެންމީހުންނަށްވެސް އިހްތިރާމް ކޮށްގެން ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފަރަންސޭސި މަޖައްލާއިން ކުރަހައިގެންއުޅޭ ކާޓޫނުތަކުގެ މައްސަލާގައި، ފަރަންސޭސި ރައީސް އިމެނުއެލް މެކޯންގެ ގެންގުޅުއްވާ ސިޔާސަތަށް ކެނެޑާގެ ބޮޑުވަޒީރު ތާއީދު ކުރައްވާފައެއް ނުވެއެވެ.

ހަމައެކަނި ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރާއިރު، އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ.

ކެނެޑާއަށް އިޝާރާތްކުރައްވައި ބޮޑުވަޒީރު ޓްރޯޑޯ ވިދާޅުވީ، ކެނެޑައަކީ، ތަފާތު ނަސްލުތަކާއި، ދީންތަކުގެ މައްޗަށް މުޖުތަމައުތައް ބިނާވެގެންވާ ގައުމެއް ކަމަށެވެ. އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރާ މުޖުތަމައެއް ކަމަށެވެ.