ސާފް ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ރާއްޖެއިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ބަންގްލަދޭޝް އާ ވާދަކޮށް ކާމިޔާބުކުރީ 0-2 ލަނޑުން ނެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް ރާއްޖެ ޓީމުން ވަނީ ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދާފަ އެވެ.

ރާއްޖެއިން 2 ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ.

އެގޮތުން ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން އިރު، ދެވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް، ނާއިޒް ހަސަން އެކަނިމައިއެކަނި އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ފަހަތުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ޖެހި ގޯލެކެވެ. މިގޯލް ކާމިޔާބު ކުރީ ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާގެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޮވިފައިވަނީ އަލީ އަޝްފާގެވެ.

މިމުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު ވާދަކުރާނީ ސްރީނަންކާ އާއެވެ.