ސާފް ޗެމްޕިއަންޝިޕުގައި މިރޭ ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗް ހާއްސަކޮށްލަން ބޭނުން ވަނީ، މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހު، ގައުމަށްދޭ ހަދިޔާއްގެ ގޮތުގައި ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) ބުނެފިއެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ދެލަނޑު ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދި މިމެޗުގައި ފުރަތަމަ ލަނޑު ދެވަނަ ހާފް ފަށައިގެން 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހިތްގައިމު އެވާހެޑަކުން ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. ރާއްޖޭގެ ދެވަނަ ލަނޑަކީ 74 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ދަގަނޑޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ ދެވަނަ ހާފުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ބަދަލުގައި ކުޅެން ނިކުތް ހަސަން ނާއިޒް (ދާދު)އަށް ބަންގްލަދޭޝްގެ ޔާސީން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ދަގަނޑޭ މިޕެނަލްޓީ ކާމިޔާބު ކުރީ ބަންގްލަދޭޝްގެ ކީޕަރަށް ހަރަކާތް ކޮށްލާނެ ފުރުސަތުވެސް ނުދީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ދަގަނޑޭ އުފާ ފާޅު ކުރީ އޭނާގެ މަޝްހޫރު ޓްރޭޑްމާކް ސެލަބްރޭޝަނުންނެވެ. މިސެލްބްރޭޝަން ދަގަނޑޭ ކިބައިން ފެންނަނީ ހާއްސަ ލަނޑެއް ކާމިޔާބު ކުރެވުމުންނެވެ.

ދަގަނޑޭ ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު. މިއީ 2015 ވަނަ އަހަރުގެ ފަހުން ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ޖެހި ފުރަތަމަ ލަނޑު.

"މިއީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ގައުމީ ދުވަހު ގައުމަށް ދިން ހަދިޔާއެއް" ދަގަނޑޭގެ ޓްރޭޑްމާކް ސެލެބްރޭޝަނާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ބުންޏެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން މޮޅު ކުޅުމެއް މިރޭ ދެއްކިއިރު އެންމެ ބޮޑަށް ފާހަގަވީ ފުރަތަމަ ހާފް ނިމެން ފަނަރަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އަސްހަދު އަލީ (އަޑުބަރޭ) ގެ ބަދަލުގައި އައިޝަމް އަލީ (ޓޯނީ) ކުޅެން އެރުމުން ޓީމުގެ މެދުތެރެއިން ކުޅުން ރަނގަޅުވެ އެޓޭކްތައް އުފައްދަން ފަސޭހަ ވެގެން ދިޔަ ކަމެވެ. މިދިޔަ ތިން އަހަރެއްހައި ދުވަހު ފުޓްބޯޅައިން ރިޓަޔަރ ކޮށްގެން ހުރި އަޑުބަރޭ ބާލަން ޖެހުނީ އިންޖަރީ ވެގެންނެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ފޭދޫ އިއްބެގެ ބަދަލުގައި ދާދު ނިކުމެ ދެއްކި ކުޅުމަށް ތައުރީފް ހައްގެވެ.

ބަންގްލަދޭޝްގެ އަތުން މިރޭ ލިބުނު މޮޅަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރިހުގައި ސައްތައިން ސައްތަ ދިވެހި ކޯޗުންގެ ޓީމަކާއެކު ނިކުމެ ހޯދި ފުރަތަމަ މޮޅުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިމޮޅާއެކު ރާއްޖެ ތިންވަނަ މަގާމުގައި އޮތީ ދެމެޗުން ހޯދި 3 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ނޭޕާލެވެ. ދެވަނައިގައި ބަންގްލަދޭޝް 4 ޕޮއިންޓާއެކު އޮތްއިރު ހަތަރުވަނައިގައި 2 ޕޮއިންޓާއެކު އޮތީ އިންޑިޔާއެވެ. ޕޮއިންޓް ތާވަލުގެ ފުލުގައި އެއްޕޮއިންޓާއެކު އޮތީ ލަންކާއެވެ. ރާއްޖެއަށް ކުރިއަށް އޮތީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ކުޅެންޖެހޭ މެޗާއި ބުދަ ދުވަހުގެ ރޭ އިންޑިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މިދެމެޗް ކާމިޔާބު ކޮށްގެން ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ދިވެހި ގައުމީ ޓިމަށް ލިބުނީ މިރޭ ބަންގްލަދޭޝް އަތުން މޮޅު ވެވުމުންނެވެ.