ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ރޭ ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗުގައި ޓީމުގެ މެދު ތެރޭގައި އައިޝަމް އަލީ (ޓޯނީ) އާއި ހުސައިން ނިހާން (ނިހާޓް) ދެއްކި މޮޅު ކުޅުމަށް ތަޖުރިބާކާރު ކޯޗް އިހްސާން އަބްދުލް ޣަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.
ޒުވާން ކުޅުންތެރިން އުފެއްދުމުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ ކޯޗް ސާންތި ރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ރޭގެ މެޗުގެ އޮއިވަރު ރާއްޖެ ކޮޅަށް އެނބުރިގެންދިޔައީ ޓޯނީ ދަނޑަށް އެރި ހިސާބުން ކަމަށެވެ. ޓޯނީ ކުޅެން އެރުވީ އަޝްހަދު އަލީ (އަޑުބަރޭ) އަށް އަނިޔާވެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ބާލަން ޖެހުމުންނެވެ. ތިން އަހަރެއްހައި ދުވަހު ފުޓްބޯޅައިން ރިޓަޔަރ ކޮށްގެން ހުރި އަޑުބަރޭ މިފަހަރު ގައުމީ ޓީމުގެ ސްކޮޑަށް ނެގުމުންވެސް ގިނަބަޔަކު ވަނީ ކޯޗް އަލީ ސުޒޭނަށް ވަރަށް ބޮޑަށް ކިޔާފައިކަން ފާހަގަ ކޮށްލެވެއެވެ.
"އޭނާ (ޓޯނީ) ދަނޑަށް އެރި ހިސާބުން ހުރިހާ ކަމެއް ބަދަލުވެއްޖެ. ރާއްޖެ ކޮޅަށް މެޗުގެ އޮއިވަރު ބަދަލު ވެގެންދިޔައީ މެދު ތެރޭގައި އޭނާގެ ފަރާތުން ފެނިގެންދިޔަ އުފެއްދުންތެރި ކުޅުމާއި ބުރަ މަސައްކަތުގެ ސަބަބުން. މީގެ އިތުރުން ނިހާނު އާއި ޓޯނީގެ ކޮންބިނޭޝަން ރަނގަޅުވުމުން ރާއްޖޭގެ ފޯވާޑް ލައިނަށް ހަމަލާތައް އުފައްދަން ފަސޭހަ ވެގެންދިޔަ" ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެސިސްޓެންޓް ކޯޗަކަށް ހުރި ސާންތި ބުންޏެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑް ނަގައިދިން ހިތްގައިމު ހޯވާހެޑް ކިކް ހަމްޒާ މުހައްމަދު (ހަމްޕް) ކާމިޔާބު ކުރީ ނިހާޓު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ބަންގްލަދޭޝްއަށް މެދުތެރެއިން ކުޅުމުގެ އެއްވެސް ފުރުސަތެއް ނުދީ ރާއްޖެއިން މެޗް ކޮންޓްރޯލް ކުރުމުގައި ޓޯނީ އާއި ނިހާޓް ދެއްކި ކުޅުން ބަލައިގަނެ ސަޕޯޓަރުންވެސް ދަނީ އެދެކުޅުންތެރިންނަށް ހައްގުވާ ކްރެޑިޓް ދެމުންނެވެ. މީގެ އިތުރުން ހަސަން ނާއިޒް (ދާދު) އާއި ފުލްބެކް ހައިޝަމް (ބިޑި) އަދި ހަމްޕު ދެއްކި ކުޅުމަށްވެސް ސަޕޯޓަރުން ދަނީ ތައުރީފް ކޮށްފައެވެ.