އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ގިނަ ފިހާރަތަކާއި، ވިޔަފާރިތައް ބަންދުކޮށްފިއެވެ.

ކަޝްމީރު ފަޅީގެ ގިނަ ވިޔަފާރިތައް ބަންދުމިކުރީ، އިންޑިއާގެ އެހެން ހިސާބުތަކުގެ މީހުންނަށް ކަޝްމީރުން ބިން ގަނެވޭގޮތަށް އިންޑިއާއިން ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތަކެއް ކުރަން ގޮވާލުމާ ގުޅިގެންނެވެ.

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގެ ސިޔާސީ ކަންކަމުގައި އުޅުއްވާ އަދި އިންޑިއާ ސަރުކާރަށް ތާއީދުކުރާ ސިޔާސީ ލީޑަރުންވެސް، މައި ސަރުކާރުން ގާނޫނަށް ގެނައި އިސްލާހް ކުށްވެރި ކުރައްވާފައެވެ.

އިންޑިއާއިން ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފަށާފައި ވާއިރު، ކަޝްމީރުގެ ބިން ވިއްކާލަން ސަރުކާރުން އިޢްލާންކުރީތީ އެކަން ކަޝްމީރުގެ ލީޑަރުން ގެންދަވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުންނެވެ.

އިންޑިއާއިން ވެރިކަންކުރާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައި އޮތް ސްޓޭޓެއްގެ ދަރަޖަ އިންޑިއާގެ މައި ސަރުކާރުން ނިގުޅައިނެ، އެ ސްޓޭޓް ރޫޅާލީ މިދިޔަ އަހަރުއެވެ.

އިންޑިއާގެ އެހެން ހިސާބުތަކުގެ މީހުންނަށް ކަޝްމީރުން ބިން ގަނެވޭގޮތަށް މަގުފަހި ވެގެންދިޔައީ ސްޓޭޓް ރޫޅާލުމުންނެވެ. އަދި ކަޝްމީރު ސަރަހައްދުގެ ރަށްވެހިންނަށް ވުމުގެ ފުރުސަތުވެސް އިންޑިއާގެ ހުރިހާ ހިސާބެއްގެ މީހުންނަށް މިހާރުވަނީ ދީފައެވެ.

ކަޝްމީރުގެ ބިންތައް، އިންޑިއާގެ އެހެން ހިސާބުތަކުގެ މީހުންނަށް ގަނެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް މުޒާހަރާއަށް ނުކުންނަން ގޮވާލެއްވީ، އިންޑިއާގެ ވެރިކަމާ ދެކޮޅު ބޭފުޅެއް ކަމަށްވާ މިރްވައިޒް އުމަރު ފާރޫގެވެ.

މިކަމާހެދި އިންޑިއާގެ ސަލާމަތީ ބާރުތައް، ކަޝްމީރު ފަޅީގެ މަގުތަކުގައި ހަތިޔާރާއެކު ދަނީ ފޯރި މަރަމުންނެވެ. ވެރިރަށް ޝްރީނަގަރުގެ މަގުތައް ވަރަށް ބޮޑަށް ބަލަހައްޓަމުން ގެންދެއެވެ.