ފެނަކައިން ފަރެސްމާތޮޑާގައި އިމާރާތް ކުރަމުން ގެންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެރަށުގެ އިންޖީނުގޭގެ މަސައްކަތް ކުރަމުން ގެންދަނީ ސަތޭކައިންސަތޭކަ ދިވެހީން ކަމަށެވެ. "އެރަށުގެ އިންޖީނުގެ ބިނާކުރުމުގައި ހަރަކާތްތެރިވަމުން ގެންދަނީ މުޅީންވެސް ދިވެހީން. އެއީ ވަރަށްބޮޑަށް ފާހަގަކޮށްލާ ކަމެއް،" ސައީދު ވިދާޅުވިއެވެ. އެ މަސައްކަތުގައި 50 އާއި 60 އާ ދެމެދުގެ އަދަދަކަށް މީހުން އުޅެއެވެ.

އެޔަނުގެ ކޮންޓްރީޓް މަސައްކަތުގެ ބޮޑުބައެއް މިހާރުވެސް ވަނީ ނިމިފައެވެ. މިއީ ފެނަކައިން ހިންގާ ރިލޮކޭޓު ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އިމާރާތް ކުރަމުންދާ އިންޖީނުގެއެކެވެ. މިތަން އިމާރާތް ކުރަމުންދަނީ ފަރެސްމާތޮޑާއާ ވަކީން އޮންނަ ފަޅުރަށްތަކުގައި ހަދަމުންގެންދާ އެއާޕޯޓު ސަރަހައްދުގައެވެ.

ފަރެސްމާތޮޑާ އިންޖީނުގެ މިހާރުހުރި ތަނުން ބަދަލުކުރަން ނިންމި އެއްސަބަބަކީ އިންޖީންގެއިން ބޭރުވާ ދުމުގެ ސަބަބުން އެރަށު ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ސިއްހީ މައްސަލަތައް ވެސް ކުރިމަތިވަމުންދާތީއެވެ.

އަލަށް އަޅަމުންދާ އިންޖީނުގެއަކީ ފަރެސްމާތޮޑާއަށާއި އެއާޕޯޓަށް ފުރިހަމައަށް ކަރަންޓުދެވޭ ފެންވަރަށް އިމާރާތް ކުރަމުންދާ މަރުކަޒީ އިންޖީނުގެއެކެވެ.

މި އިންޖީނުގެއާއި އެއާޕޯޓަކީ އެރަށުގެ ތަރައްގީއަށް މިވަގުތަށް ކުރަމުންދާ އެންމެ މުހިންމު ދެ މަސައްކަތެވެ. ފަރެސްމާތޮޑާ އައު އިންޖީނުގޭގެ މަސައްކަތް ފެށިފަހުން މިހާރުވަނީ 4 ވަރަކަށް މަސްވެފައެވެ.