މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި، ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައިފިއެވެ. މިތަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ "ހިތާރޫހުން ކުޅޭށެ ކުރިކެޓް" ގެ ލޯގޯ އާއި އިންޑޯ ކުރިކެޓް އިފްތިތާހު ކޮށްދެއްވައިފައެވެ.

ޕްލެޔަރސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން "ޖަލީލް މާލަމް" ގެ ނަމުގައި ތަރައްގީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކުރި ލައުންޖެކެވެ.

ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑަރ އަދި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާހު ކުރުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކުޅުއްވީ 'ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުއްވީ "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ކެޕްޓަން ކަމުގައި ކުޅުނު ޓީމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ކެޕްޓަނުކަމުގައި ކުޅުނު ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑަ ހަދާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ވަނީ "ހިތާ ރޫހުން ކުޅޭށެ ކުރިކެޓް" ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.