ފާއިތުވި 24 ގަޑިތެރޭގައި އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ އެ އެންމެންނަކީ ވެސް ދިވެހީން ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވްވި 7 މީހަކާއި މަރަދޫ އިން ޕޮޒިޓިވްވި 2 މީހަކާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި 2 މީހެކެވެ. ހިތަދޫން ޕޮޒިޓިވްވެފައިވަނީ ފުލޫ ކުލިނިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 4 މީހަކާއި 2 ސަވައިލަންސް ސާމްޕަލް ކަމަށެވެ. މަރަދޫއިން ޕޮޒިޓިވް ވެފައިވަނީ 2 ރެންޑަމް ސާމްޕަލެވެ. މަރަދޫފޭދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 1ޑައިރެކްޓް ކޮންޓެކްޓުންނާއި 1 ރެންޑަމް ސާމްޕަލެކެެވެ. ފޭދޫއިން ވަނީ 6 މީހަކު ޕޮޒިޓިވް ވެފައެވެ.

މި އަދަދާއެކު އެސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 233 މީހުންނެވެ. އެއީ ހިތަދޫގައި ތިބި 91 މީހަކާއި މަރަދޫގައި ތިބި 25 މީހަކާއި މަރަދޫފޭދޫގައި ތިބި 32 މީހަކާއި ފޭދޫގައި ތިބި 83 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1629 އެވެ. އޭގެތެރެއިން ބަލިން ފަސޭހަވިވެފައިވާ މީހުންގެ ޖުމްލައަކީ 1393 އެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ބަލިން ފަސޭހަވެ ދޫކޮށްލާފައިވާ މީހުންގެ އަދަދަކީ 18 އެވެ.