ގައުމީ ފުޓުބޯޅަ ޓީމުގެ ޖޯޒީ ވިއްކުން މިއަދު އޮންނާނެ ކަމަށް އައިލެންޑު އެޕޭރެލްސް ބުނެފިއެވެ. އެތަނުން ބުނީ ޖޯޒީ ވިއްކުން އޮންނާނީ މިއަދު ހެނދުނު 10 ޖަހާއިރު، ގަލޮޅު ކަންމަތީ (ލޯލާ ފިހާރަ ގޯޅިތެރޭގައި) ކަމަށެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންގެ ތަފާތު ސައިޒުގެ ޖޯޒީ ވެސް ލިބެން ހުންނާނެ ކަމަށް ވެސް އެތަނުން ބުންޏެވެ. މިހާރު ވެސް ޖޯޒީ ގަތުމަށްޓަކައި ގަލޮޅު ދެކުނު ކަންމަތީގައި ކިޔޫ ހަދައިގެ މީހުން އެބަތިއްބެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި ސާފު ޗެންޕިއަންޝިޕް މުބާރާތް ކުރިއަަށްދާ ދުވަސްވަރެވެ. އެހެން ކަމުން ވަރަށް ގިނަފަރާތްތަކުން ގެންދަނީ ގައުމީ ޓީމުގެ ޖޯޒީ ބޭނުންވެގެން ތަފާތު ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހާމަ ކުރަމުންނެވެ.
މިއަދަކީ ބައެއް ސުކޫލުތަކުގައި ގައުމީ ޓީމުގެ ޖޯޒީ ލައިގެން ސުކޫލަށް ދިއުމަށް ފުރުޞަތު ދެއްވާފައިވާ ދުވަހެކެވެ. އެހެން ކަމުން ވަރަށް ގިނަ ބެލެނިވެރިން ވެސް ޖޯޒީ ހޯދުމަށް ކިޔޫގައި އެބަ ތިއްބެވެ. ރާއްޖެ މިއަދު ހަވީރު އަވަށްޓެރި ސްރީލަންކާއާ ދެކޮޅަށް ނިކުންނާނެއެވެ. ގަލޮޅު ދަނޑުގައި ކުޅޭ މި މެޗަށް ސަޕޯޓު ކުރުމަށް ދަނޑަށްދާން ގިނަ މީހުން ތިބި ކެތްމަދުވެފަައެވެ.