ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަސް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ލައިވްކޮށްދޭން އޮފިސަރުންގެ މައްސަލާގައި ކޯޓުގައި ވަކާލާތުކުރާ ދިވެހި ޗެމްބާސް އިން އެދިއްޖެއެވެ.
ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ސޮއިކުރައްވާ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިއީ އާންމު މަސްހަލަތު ހިމެނޭ މައްސަލައެއް ކަމަށްވާތީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރެވޭކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑުން އެޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދެއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ.
ދިވެހި ޗެމްބާސް އިން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އޮފިސަރުންތައް ވަކިކުރީ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީ އެކަމުގެ ސަބަބުން މި އޮފިސަރުންގެ ދުސްތޫރީ އަދި ޤާނޫނީ ހައްްޤުތަކެއް ގެއްލިފައިވާ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މިފަރާތްތައް ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، މިފަރާތްތަކުގެ ވަޒީފާ އަދާކުރުމުގެ ހައްޤަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑް އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުން އެދި ވަގުތީ އަމުރަކަށްވެސް އެދިފައިވާކަމަށް ދިވެހި ޗެމްބާސް އިން ބުނެފައިވެއެވެ.