ސާފް ޗެމްޕިއަންޝިޕުގައި މިއަދު ގަލޮޅު ދަނޑުގައި އަލީ އަޝްފާޤް (ދަގަނޑޭ) ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން 0-1 އިން ސަރަންދީބް ބަލިކޮށް މަހަލްދީބުން ފައިނަލާ ފިޔަވަޅެއް ކައިރިއެއް ޖެހިލައިފިއެވެ.
"މަގޭ މަހަލްދީބް" ގެ ޝިއާރުގެ ދަށުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ކުރިމަތިލި ރާއްޖެއަށް މުހިއްމު ލަނޑު ދަގަނޑޭ ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ބޮލުންނެވެ. ދަގަނޑޭ މިލަނޑު ޖެހީ ސަރަންދީބް (ލަންކާ) ގެ އޭރިޔާގެ އަރިމަތިން ހައިޝަމް ހަސަން (ބިޑި) ނަގައިދިން ހުރަހަކުންނެވެ. މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ކާމިޔާބު ކުރި ދެވަނަ ލަނޑެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އިތުރު ތިން ފުރުސަތު ދަގަނޑޭ ރާއްޖެއަށް ތަނަވަސްކޮށްދިނެވެ. މީގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ފުރަތަމަ ހާފުގައި ލަންކާ ކުޅުންތެރިންނަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމެން ކައިރި ވެފައި ވަނިކޮށް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި މުހައްމަދު ޝަފީއު ކުޅެން އެރުވިއެވެ.
ދެވަނަ ހާފް ފަށައިގެން ރާއްޖެއިން އަވަސް އެޓޭކިންގ ފުޓްބޯޅައެއް ކުޅެން މަސައްކަތްކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ރާއްޖެއިން ތަނަވަސް ކުރިއެވެ. މީގެ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ހަމަލާއެއް އަމާޒުވީ ސަރަންދީބުގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރާއްޖެއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ލަންކާއިން ވަނީ މެޗުގެ ފަހުކޮޅު މެޗް އެއްވަރުކޮށްލުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.
މިމޮޅާއެކު، ރާއްޖެ ތާވަލުގެ ދެވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 6 ޕޮއިންޓާއެކުއެވެ. ރާއްޖެ ބަލިވީ ފުރަތަމަ މެޗުގައި ނޭޕާލް އަތުންނެވެ. ފަސް ގައުމު ވާދަކުރާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ އެއްވަނައިގައި ނޭޕާލް އޮތީ މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބު ކޮށް 6 ޕޮއިންޓާއި ފައިދާ ދެލަނޑާއެކުއެވެ. ރާއްޖެއަށްވެސް ފައިދާ ދެލަނޑު އެބައޮތެވެ. އެކަމަކު ހެޑްޓުހެޑުން ނޭޕާލަށް ކުރި ލިބެނީއެވެ.
ނޭޕާލް އާއި އިންޑިޔާ މިރޭ ބައްދަލު ކުރާ މެޗުން ނޭޕާލް މޮޅުވެއްޖެނަމަ އެގައުމަށް ފައިނަލުގެ ޖާގަ ޔަގީންވީއެވެ. އަދި އެހިސާބުން އިންޑިޔާ މުބާރާތުން ކަޓާނެއެވެ. އެކަމަކު ނޭޕާލް އަތުން އިންޑިޔާ މޮޅުވެއްޖެނަމަ، ފައިނަލަށް ދާނެ ދެގައުމެއް ކަށަވަރު ވާނީ ނޭޕާލާއި ބަންގްލަދޭޝް އަދި ރާއްޖެ އާއި އިންޑިޔާ ބައްދަލު ކުރާ މެޗަށްފަހުއެވެ. މިދެމެޗްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.