ޗައިނާއިން ކޮރެއާ ހަނގުރާމައިގައި ކުޅެފައިވާ ރޯލަށް ފާޑުކީ ކުރީގެ ނޫސްވެރިއަކު ޗައިނާއިން ހައްޔަރުކޮށްފިއެވެ. އުމުރުން 40 އަހަރުގެ ލޫ ޗޭނިންގ ހައްޔަރުކޮށްފައި ވަނީ ސަރުކާރުން ފައިސާ ދީގެން ކުޅުވާ ކޮރެއާ ހނަގުރާމައާ ބެހޭ ގޮތުން ޗައިނާއިން ކުޅެފައިވާ ދައުރާ ބެހޭ ފިލްމެއްގެ ޚަބަރަށް ކޮމެންޓް ކޮށްގެންނެވެ.
ނިއުޔޯކް ޓައިމްސް ބުނާ ގތުން ލޫ ހައްޔަރުކޮށްފައި ވަނީ ޗައިނާގެ މީސް މީޑިއާ ވައިބޯ ގައި އުތުރު ކޮރެއާއަށް ތާއީދު ކުރުމަށް ޗައިނާއިން ދެކުނު ކޮރެއާއަށް ޙަމަލަ ދިން މައްސަލަ ކުށްވެރި ކުރުމުންނެވެ.
ދަ ބެޓަލް އެޓް ލޭކް ޗޭންޖިންގ އަކީ ޗައިނާއިން އެންމެ އަގު ބޮޑު ފިލްމެވެ. މި ފިލްމަކީ މީހުންގެ މެދުގައި ވަތަނީ ޝުއޫރު އާލާކޮށްދޭނެ ފިލްމެއްކަމަށް ކޮމިއުނިސްޓް ޕާޓީން ދެކެއެވެ. ގްލޯބަލް ޓައިމްސްއިން ބުނާ ގޮތުން ފިލްމަށް 521 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެއެވެ.
ލޫ ވަނީ އޭނާގެ ވައިބޯ އެކައުންޓުން ކުރި ޕޯސްޓްތަކުގައި މި ފިލްމުން ޗައިނާއިން ހަނގުރާމައިގައި ބައިވެރިވި ވޮލަންޓިއަރުންނަށް މަލާމާތް ކޮށްފައިވާ ކަމަށް ބުނެފައެވެ. މީހުން މި އެކްއުންޓާ މެދު ޝަކުވާ ކުރުމުން ވައިބޯ އިން ވަނީ އެކައުންޓް ސަސްޕެންޑް ކޮށްފައެވެ.
ލޫ ހައްޔަރު ކުރިކަން ޗައިނާގެ ސަރުކާރު މީޑިއާއިން ގެނަސްދީފައި ވެއެވެ. އަދި އޭނާ ކޮށްފައިވާ ޕޯސްޓްތައް ވަނީ ޑިލީޓް ކޮށްފައެވެ.
މިދިޔަ ޖޫން މަހުވެސް އެހެން ބްލޮގަރެއް ކުރި ކޮމެންޓްތަކާ ގުޅިގެން އޭނާވެސް އަށް މަހަށް ޖަލަށް ލާފައި ވެއެވެ. އިންޑިއާގެ ގެލްވާންގައި ޗައިނާ ސިފައިން މަރުވި މައްސަލާގައި އޭނާ ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.
ބްލޮގަރ ކީ ޒިމިންގ އަކީ އޭނާ ފޮލޯ ކުރާ 2.5 މިލިއަން މީހުން އޮތް މީހެކެވެ. ޗައިނާއިން އަލަށް ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ޝަހީދުންނަށް ރައްދުވާ ގޮތަށް ފާޑު ކިޔުމަކީ މަނާ ކަމެކެވެ. މި ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ޖަލަށްލީ މީހަކީ ކީ އެވެ.