ޖިންސީ ގުނަވަން މަޖިލީހުގެ އެއްވެސް މެމްބަރަކަށް ދައްކާފައި ނުވާނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިހެން ވިދާޅުވެފައި މިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް، ނާޒިލްގެ ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ނޫސްތަކުގައި މިދިޔަ ހަފްތާގެ ތެރޭގައި އެ ވާހަކަތައް ރިޕޯޓްކުރި ކުރުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މިދިޔަ ހަފްތާ ނިމުނުއިރު އޭނާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި އޭނާ ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ ކަން. އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އެ ޔަގީންކަން އަޅުގަނޑު ދެން،" ނާޒިލް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިލް ވިދާޅުވީ އޭގެ ޖެހިގެން އައިދުވަހު ހެނދުނު އޭނާގެ އަވައްޓެރި ގެއެއްގަ ރޯކޮށްލި ވާހަކައަކީވެސް "ފަލަ ސުރުހީ"އެއް ކަމަށާއި، އޭނާއަކީ ދުވަހަކުވެސް މީހެއްގެ މުދަލަށް ގެއްލުންދީ މީހުން މެރުމަށް ގޭންގް ހަދައިގެން އުޅޭ މީހެއް ނޫންކަމަށެވެ.