ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައި މިގަންނަވަނީ ފާއިތުވީ 6 މަސް ދުވަހު ބޭސްފަރުވާ ހޯއްދެވުމަށް ޖަރުމަނުގައާއި، އިނގިރޭސި ވިލާތުގައި އުޅުއްވުމަށްފަހުއެވެ.

ރާއްޖޭގެ ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދުބާއީގައި މިހާރު ހުންނެވި ނަޝީދު މިއަދު މެންދުރު ފަހު މާލެ ވަޑައިގަންނަވާނެއެވެ. އިނގިރޭސިވިލާތުން އެމަނިކުފާނު ދުބާއީއަށް ވަޑައިގަތީ އެ ގައުމުގައި އޮތް އެކްސްޕޯއަކަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެފަހުން އެމަނިކުފާނު ދިރިއުޅުއްވީ އިނގިރޭސިވިލާތުގަ އެވެ.